މާލޭ ލޮނުޒިޔާރަތްކޮޅަކީ ކުރީ ޒަމާނުގައި މީހުން ވަޅުލާފައި ހުރި ބިސްތާނަތައް ހުރި ތަނެކެވެ. އެ ބިސްތާނަތަކުގެ ތެރެއިން އެންމެ އެއްގަމަށްހުރި ބިސްތާނައަކަށް ކިޔަނީ އުސްބިސްތާނައެވެ. ބިސްތާނައަކީ މަހާނަ ވަށައިގެން ރާނާފައި ހުންނަ ގާފޮޅާއި އޭގެ އެތެރެއެވެ. އުސް ބިސްތާނައިގައި ހުރީ ހަތަރު ގާސަންދޯކެވެ. މި ސަންދޯއްތައް ކޮނެ ބަލައިގެން 1966 ވަނަ އަހަރު ދިވެހިރާއްޖޭގެ ތާރީޚު ކޮމެޓީން ދިރާސާއެއް ކުރިއެވެ. އެ ދިރާސާއަށްފަހު މުހިންމު ދެކަމެއް ނިންމިއެވެ. އެއީ އެ ސަންދޯއްތަކުގައި ތިބީ އިސްލާމުން ނޫންކަމަށާއި، އެ ސަންދޯއްތަކަކީ ކަލާފާނު ރަދުންގެ ދުވަސްވަރުގެ ސަންދޯއްތަކެއްކަމަށެވެ. ނުވަތަ އެއަށްވުރެ ކުރީގެ ސަންދޯއްތަކަކަށް ވެދާނެކަމަށެވެ.
އުސް ބިސްތާނަ ކޮނެގެން ބެލީ 1966 ވަނަ އަހަރުގެ ޖުލައިމަހުގެ 8 ވީ ހުކުރު ދުވަހު ހެނދުނު 7:30 ގައެވެ. އެ ބިސްތާނަ ކޮނުނީ ތާރީޚު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅުންގެ ހާޒިރުގައެވެ. އެއީ އަލްފާޟިލް އަޙްމަދު ޒަކީއާއި، އައްނަބީލް މަލިމް މުޙައްމަދު ދީދީއާއި، އަލްއުސްތާޛު ޢަދުނާން ޙުސައިނެވެ. ކޮނެގެން ބެލިއިރު ބިސްތާނުގައި ހުރީ ހަތަރު ގާ ސަންދޯކެވެ. ސަންދޯއްތަކުގެ މަތި ހުރީ ހިފާނެ އަތްގަނޑުތައް ލައިފައެވެ. އަދި ކޮންމެ މަތިގަނޑެއް ހުރީ މެދަށް އުސްކޮށް ދެފުރާޅަށް ގޭގެ ހިޔާކޮށްފައި ހުންގޮތަށް ދެ އަރިމައްޗަށް ތިރިވާގޮތަށެވެ. ބައެއް ސަންދޯއްތަކުގައި މަތީގާ ފުރިހަމަކޮށްފައިވަނީ ވަކިވަކި ފަސްގަލުންނެވެ. ބައެއް ސަންދޯއްތަކުގައި މަތިގަނޑުގައި އޮތީ ތިންގަލެވެ.
އެކިކަންކަން ހިނގާގޮތް ލިޔާ ފޮތުގައި ލިޔެފައިވާ ގޮތުން އެއިން ސަންދޯކެއްގެ މަތިގަނޑުގެ މަތީގައި “ފިޔަން” މިހެން ޖަހާފައި އޮތެވެ. ފިޔަނަކީ ތެލި ފުފޭ ފަދަ ތަކެތީގައި ޖަހަން ގެންގުޅޭ މައްޗަށް ކިޔާ ނަމަކަށް ވާތީ އެއިން އެނގިގެން ދަނީ އެއީ އެ ގާސަންދޯކުގެ މަތިގަނޑުކަން އަންގައިދިނުމަށް ލިޔެފައިވާ ލިޔުމެއްކަމެވެ. ތާރީޚު ކޮމެޓީން ވެސް ނިންމީ މިގޮތަށެވެ.
ތާރީޚު ކޮމެޓީން މި ބިސްތާނަ ދިރާސާކުރުމަށް އެ ހުރިހާ ސަންދޯކެއްގެ މަތިތައް ނެގިއެވެ. ނަގައި ބެލިއިރު ކޮންމެ ސަންދޯކެއްގައި އޮތީ އެއް ގަބުރެވެ. އެ ގަބުރުތައް ހުރީ އަރިއަށް ގިބުލައަށް ވާގޮތަށް ބާއްވާފައެވެ. ނަމަވެސް ދިރާސާކުރި ޓީމުގެ މެންބަރުން ނިންމީ އެއީ އިސްލާމު ބައެއް ނޫންކަމަށެވެ. އެގޮތަށް ނިންމި ސަބަބަކީ އެއިން އެއްވެސް ގަބުރެއް ހަރަމަށް އަތް އަރުވާފައި ނުވާތީއެވެ.
އެ ތާރީޚު ކޮމެޓީން އެގޮތަށް ގަބޫލުކުރި ނަމަވެސް މުސްލިމުންގެ ތެރޭގައި ހަރަމަށް އަތް ނާރުވައި ވަޅުލައެވެ. އަދި މަރުވުމުން ނުވަތަ ކަފުންކުރާއިރު ހަރަމަށް އަތް ނަގާފައި ބޭއްވުމަކީ ދީނީގޮތުން ވަކިގޮތެއް ސާބިތުވާ ކަމެއް ނޫނެވެ. އަދި އެ ގަބުރުތައް ހުރީ މުސްލިމުން ސަންދޯކުގައި ގަބުރު ބާއްވާގޮތަށް އަރިއަށްވާގޮތަށް އަދި ގިބުލައަށްކަމަށް ވާތީ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަކަށް ނުފެނެއެވެ.
ތާރީޚު ކޮމެޓީގެ ދެވަނަ ނިންމުމަކީ އެ ސަންދޯއްތަކުގެ އުމުރާ ބެހޭ ގޮތުން ނިންމި ނިންމުމެވެ. މި ނިންމުން ބިނާކުރީ ގާސަންދޯކުގެ މަތީގައި ލިޔެފައިވާ މ. ފ. ދ. ތ. ލ މި އަކުރުތަކުގެ މައްޗަށެވެ. ގާސަންދޯއްތަކުގެ މަތީގައި ތާނަ އަކުރުން މި ފަސް އަކުރު ލިޔެފައިވުމުން ތާރީޚު ކޮމެޓީގެ ފުރަތަމަ ގަބޫލުކުރުމަކީ އެ ގަބުރުތަކަކީ ކަލާފާނުގެ ޒަމާނުގެ މަހާނަތަކަކަށް ވެދާނެކަމަށް ބުނާ ބުނުމެވެ. މި ގަބޫލުކުރުމަކީ ތާނައަކުރު ލިޔަން ފަށާފައިވަނީ އެދުވަސްވަރުކަމަށްވާތީއެވެ.
ދިވެހީން ތާނައަކުރު ބޭނުންކުރަން ފެށީ މީލާދީން 17 ވަނަ ގަރުނުގެ ތެރޭގައެވެ.
ސުލްޠާން އިބްރާހީމް (ތިންވަނަ) ނުވަތަ ކަލާފާނަކީ މީލާދީން 1585 އިން 1609 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ އުތީމު މަހާރަދުން (ބޮޑުތަކުރުފާނު) ގެ ދަރިކަލެކެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ތާނައަކުރު ތަޢާރަފުކުރެއްވީ ކަލާފާނަށްވުރެ ކުރިން ރަސްކަންކުރެއްވި ބައްޕާފުޅު އުތީމު މަހާރަދުންނެވެ. އެހެންކަމުން އެ މަހާނަތައް ވާނީ އެއަށްވުރެ ފަހުގެ މަހާނަތަކަކަށެވެ.
ގާސަންދޯކުގެ މަތީގައި ލިޔެފައިވާ މ. ފ. ދ. ތ. ލ. މި އަކުރުތަކާ ގުޅިގެން ތާރީޚު ކޮމެޓީގެ ދެވަނަ ގަބޫލުކުރުމަކީ އެ މަހާނަތަކަކީ ކަލާފާނު ރަދުންނަށް ވުރެ ވެސް ކުރީގެ މަހާނަތަކެއް ކަމަށް ވެދާނެކަމަށް ބުނާ ބުނުމެވެ. އެގޮތަށް ނިންމީ ތާނައަކުރަކީ ޢަރަބި އަކުރުގެ ހިސާބުއަކުރާއި ސިންގަޅަ ހިސަބު އަކުރަށް ބޭނުންކޮށް އުފެދިފައިވާ އަކުރުތަކެއް ކަމަށްވާތީއެވެ.
ތާނައަކުރު އުފެދިފައިވަނީ އަރަބިއަކުރުގެ ނުވައަކުރާއި (١ ٢ ٣ ٤ ٥ ٦ ٧ ٨ ٩) އާއި ކުރީ ޒަމާނުގައި ދިވެހިންގެންގުޅުނު ހިސާބު އަކުރުގެ ނުވައަކުރު (މ ފ ދ ތ ލ ގ ޏ ސ ޑ) ހިމަނައިގެންކަމުގައި ދިވެހިބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ. މީގެތެރޭގައިވާ ޏ ގެ ބަދަލުގައި ދިވެހި ހިސާބު އަކުރުގައި ބޭނުންކޮށްފައިވަނީ، އިހުގެ ތާނަ ލިޔުމުން ފެންނަ “ނަވިޔަނި” ކިޔާ އަކުރެވެ.
މި ޙަޤީޤަތަށް ބަލާއިރު ގާސަންދޯއްތަކުގެ މަތީގައި ލިޔެފައިވާކަމަށް އެކިކަންތައްތައް ލިޔާ ފޮތުގައި އެވާ އަކުރުތަކީ ވިޔަ ނުވަތަ ހިސާބު އަކުރުތަކެކެވެ. އެއި ކުރީ ޒަމާނުގައި ދިވެހީން ބޭނުންކުރި 1 2 3 4 5 އެވެ. މި އަކުރުތައް ސަންދޯކުގެ މަތީގައި ޖަހާފައިވަނީ ސަންދޯއްތަކުގެ މަތީގައި އަތުރާފައިވާ ގާތަކުގެ ތަރުތީބު ބުނެދިނުމަށް ކަމަށް ބެލެވެއެވެ. ލަފާކުރެވޭ ގޮތުގައި މ ފ ދ ތ ލ ލިޔެފައި ވަނީ ފަސް ގަލުން މަތިގަނޑު ހަދާފައިވާ ސަންދޯކުގައެވެ.
މި ބިސްތާނައާ ބެހޭ ތާރީޚީ އެހެން ލިޔެކިޔުމެއް އޮތްކަމެއް އަދިއަދަށް ދާންދެންވެސް ނޭނގެއެވެ. ތާރީޚު ކޮމެޓީން ވެސް ސަންދޯއްތައް ބަލައި، ފޮޓޯނެގުމަށްފަހު މަތިޖަހައި ފަސްލީއެވެ.
ލޮނުޒިޔާރަތްކިޔާ ސަރަޙައްދު ނައްތާލީ ރައީސް އިބްރާހީމް ނާޞިރު ވެރިކަމުގައި މާލޭގެ ތާރީޚީ ތަންތަން ތަޅައި ނައްތާލުމަށް ހިންގެވި ޙަރަކާތްތަކުގެ ތެރޭގައެވެ. އެއަށްފަހު ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ލޮނުޒިޔާރަތްކޮޅުގައި ހުރި ބިސްތާނުތައް ނައްތާލައި ފޮރުވާލެވުނުއިރު އުސްބިސްތާނަ ވެސް ވަނީ ފޮރުވާލެވިފައެވެ.
މަޢުލޫމާތު: އެކިކަންކަން ހިނގާގޮތް 10