އިސްތިގުލާލަކީ ކޮބާ؟

އިސްތިޤުލާލު މި ލަފުޒަކީ ޢަރަބި ބަހުގެ “އިސްތަޤައްލަ” މި ކަލިމައިގެ މަސްދަރެވެ. ލަފުޒީ މާނައަކީ ނުފޫޒެއް ނެތި ގޮތް ނިންމުމާއި ނިންމި ގޮތެއް ތަންފިޒުކުރުމުގެ ބާރު ލިބިގެން ވުމެވެ. ސިޔާސީ ގޮތުން އިސްތިޤްލާލުވުމަކީ ބޭރުގެ ބާރެއްގެ އެންމެހައި ނުފޫޒުތަކުން މިނިވަންވުމެވެ. ސިޔާސީ ގޮތުން އިސްތިޤްލާލުވުން ނުވަތަ “އިސްތިޤްލާލު ބިއްސިޔާސަތި” ގެ އިތުރުން، “އިސްތިޤްލާލު ބިއްރައުޔި” (ރައުޔުގައި އިސްތިޤުލާލުވުން) އަދި “އިސްތިޤްލާލު ބިލްޤަޟާއި” (ފަނޑިޔާރުކަމުގައި އިސްތިޤުލާލުވުން) ފަދަ މަފްހޫމްތައް ޢަރަބި ބަހުގައި ހުރެއެވެ.

“މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލު” މި ލަފުޒުތަކަކީ އަޅުގަނޑުމެންނަށް ފަރަށް ފަރިތަ ތިން ލަފުޒެވެ. ދިވެހި ސިފައިންގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލް އަދި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަކީ ދިވެހި އަސްކަރިއްޔާގެ މަގުސަދުކަމަށް އޮވެއެވެ. އަދި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ދުޝްމަނުން މާނަކޮށްދީފައި އޮތްއިރު ބުނެފައި ވަނީ ”ދުޝްމަން ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ގެއްލުންވާފަދަ ޢަމަލެއް ކުރާ ބިދޭސީންނަށެވެ. ދުޝްމަންގެ މާނައިގައި ރައްޔިތުންނެއް ނުހިމެނޭނެއެވެ.” ދިވެހި ބަސްފޮތުގައި އޮތް ގޮތުން އިސްތިގުލާލަކީ އިސްތިއުމާރީ އަޅުވެތިކަމަކުން މިންޖުވެގެން ލިބޭ މިނިވަންކަމެވެ. އިސްތިގުލާލުގެ އިނގިރޭސި ލަފުޒަކީ (Indipendence) އެވެ. ޢަރަބި ބަހުގައިވެސް އިސްތިގުލާލަށް އިނގިރޭސިބަހުން ބޭނުންކުރާ ލަފުޒަކީ އިންޑިޕެންޑެންސް (Independence) އެވެ.

ދިވެހި ބަސްފޮތުގައި މިނިވަންކަމުގެ މާނައަކީ އަޅުވެތިކަމެއްނެތްކަމާއި އަމިއްލަކަމެވެ. “މިނިވަން” މި ލަފުޒުގެ މާނަތަކުގެ ތެރޭގައި އަޅުވެތިކަމެއްނެތް، ބަންދެއްނެތް، ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވާ، މުޢާމަލާތު ކުރުމުގައި އެއްވެސް ހުރަހެއްނެތް، ހުހަށް ހުރި، މި މާނަތައް ހިމެނެއެވެ. ސިޔާދަތުގެ މާނައެއްކަމަށް ދިވެހި ބަސްފޮތުގައި އޮންނަނީ “ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރިކަން” ކަމުގައެވެ. އިނގިރޭސިބަހުން ސިޔާދަތަށް ބޭނުންކުރަނީ ސޮވެރެންޓީ (Sovereignty)އެވެ.

އިސްތިގުލާލުގެ މާނައަކީ ކޮބައިތޯ ސުވާލު ކުރެވިއްޖެނަމަ އޭގެ އަވަސް ޖަވާބަކަށް ވާނީ އެއީ އަމިއްލަވަންތަ މިނިވަންކަން ކަމުގައެވެ. ޤައުމެއްގެ އަޅުގަނޑުމެން ދެކޭ ޤައުމީ މިނިވަންކަން ކަށަވަރުވެ ފުރިހަމަ ވަނީ ޤައުމުގައި އިސްތިގުލާލު އޮވެގެނެވެ. މި ނަޒަރިއްޔާތުން މިނިވަންކަމާއި އިސްތިގުލާލުން ތަފާތެއް ނުވަތަ ފަރަގެއް ފާހަގަ ވެއެވެ. އިސްތިގުލާލެއް ނެތް ޤައުމެއްގައި ޙަޤީޤީ މިނިވަންކަމެއް ނޯންނާނެއެވެ. ސިޔާދަތީ ބާރު ނެތް ޤައުމެއްގައި ވެސް ޙަޤީޤީ މިނިވަންކަން ނޯންނަ ފަދައިންނެވެ.

ޤައުމެއްނެތި ދައުލަތެއް ނޯންނާނެއެވެ. ސިޔާދަތަކީ ދައުލަތުގެ ހުންނަންޖެހޭ އަސާސީ ސިފައެކެވެ. ސިޔާދަތު ގެއްލިއްޖެނަމަ ދައުލަތެއްގެ ސިފަ ގެއްލިދާނެއެވެ. ހަމަ މިފަދައިން އިސްތިޤުލާލު ގެއްލިއްޖެނަމަ ޤައުމެއް ސިފައާއި ދައުލަތެއްގެ ސިފައަށް ވެސް އުނިކަން ނުވަތަ ގެއްލުން ލިބިދާނެއެވެ. އެ ޤައުމެއްގެ ރައްޔިތުންނަށް އެ ޤައުމެއްގެ ސަރަޙައްދަށް ބާރު ހިނގުމަށް އެހެން ބަޔަކު ހުރަސްއަޅާނަމަ އެއީ އެ ޤައުމެއްގެ އިސްތިގުލާލު ނެތީއެވެ. ޤައުމެއްގެ ރައްޔިތުންނަށް އިޙްތިރާމު ނުކޮށް ބޭރުގެ ފަރާތަކުން އެބަޔަކު ބޭނުންވާހާ ގޮތަކަށް އެ ޤައުމެއް ނިސްބަތްވާ ސަރަޙައްދެއްގައި ޢަމަލުކުރާނަމަ އެއީ ވެސް އިސްތިޤުލާލު ނެތީއެވެ. އެ ޤައުމެއްގެ ރައްޔިތުން އެދޭގޮތަށް އެ ޤައުމެއްގައި އެ ރައްޔިތަކަށް މިނިވަންކަމާއެކު ބަސްބުނެ ޢަމަލުކުރުމުގެ ފުރުސަތު ނެތްނަމަ، އެ ޤައުމެއްގެ ރައްޔިތުންގެ އިސްތިޤުލާލަށް އެވަނީ އުނިކަން ލިބިފައެވެ. ނުވަތަ އިސްތިޤުލާލު އެވަނީ ގެއްލިފައެވެ.

ބޭރުގެ ނުފޫޒެއްނެތި ގޮތް ނިންމުމުގެ ބާރު އޮތުމަކީ އިސްތިޤުލާލު އޮތުމެވެ. އެ ބާރު ތަންފީޒުކުރުމުގެ ބާރު އޮތުމަކީ ސިޔާދަތީ ބާރު އޮތުން ކަމަށް ބެލިދާނެއެވެ. އެހެންކަމުން އެނގިގެން މިދަނީ ސިޔާދަތަކީ ދައުލަތަށް ޚާއްޞަ ސިފައެއްކަމެވެ. އަދި އިސްތިޤުލާލަކީ ދައުލަތުގެ އިތުރުން ފަރުދުންނަށް ވެސް ނިސްބަތްކުރެވޭ ޚާއްޞަ ސިފައެއްކަމެވެ.

މިނިވަންކަން ނެތް ނަމަ އިސްތިޤުލާލެއް އަދި ސިޔާދަތެއް ވެސް ނޯންނާނެއެވެ. މިނިވަންކަމަށްވުރެ ކުރިން ގެއްލިގެން ދާނީ އެބައެއްގެ ސިޔާދަތާއި އިސްތިޤުލާލެވެ. މި ޒަމާނުގައި އެއް ޤައުމުން އަނެއް ޤައުމު އަޅުވެތިކޮށް ހިފައި ހެދުމުގެ ބަދަލުގައި ފެންނަނީ އެހެން ގޮތްގޮތުން އަޅުވެތިކުރަން ނޫނީ އަތްދަށުލުމަށް ކުރެވޭ މަސައްކަތްތަކެވެ. ކޮންމެ ބަޔަކު ވެސް އެބައެއްގެ ޤައުމީ މަޞްލަޙަތު ކުރިއަރުވަން މަސައްކަތް ކުރާ ތަނެވެ. ކޮންމެ ގޮތަކުން ވެސް ބައެއްގެ އަމިއްލަ ވެރިކަމަށް ބޭރު އެހެން ބަޔަކު ނުފޫޒު ނުވަތަ ބާރު ފޯރުވާ ނަމަ އެ ބައެއްގެ ސިޔާދަތު އެ ވަނީ ގެއްލިފައެވެ.

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply