ދިވެހީންގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ ޚިޔާލީ ދެވިތަކާއި ފުރޭތައް އުޅެމުން އައެވެ. އަދި ވަރަށް ގިނަ ރޫޙާނީ ތަކެތި ފެނިފައިވާ އަދި ރޫޙާނީ ކަންތައްތަކާ ބައްދަލުވެ އެ ކަންކަން ތަޖުރިބާކުރެވިފައިވާ މީހުން ކުރީ ޒަމާނުގައި ދިވެހީންގެ ތެރޭގައި ވަރަށް ގިނައެވެ. ދިވެހި ތާރީޚަށް ޚިދުމަތްކުރެއްވި އެޗްސީޕީ ބެލްއަށް ވެސް މިކަން ފާހަގަކުރެވުނެވެ. މި މަޢުލޫމާތު ބެލް ހޯއްދެވީ އަލްޢައްލާމާ ޙުސައިން ޞަލާޙުއްދީނުގެ އަރިހުންނެވެ. އެއީ ހިޖުރައިން 1346 ވަނަ އަހަރެވެ. މީލާދުން 1928 ވަނަ އަހަރެވެ. ޙައްޖަށް ވަޑައިގަތުމަށް ސިލޯނަށް ކުރެއްވި ދަތުރުފުޅެއްގައި ކޮޅުނބުގައި ހުންނަވައި އެ މަޢުލޫމާތު ޞަލާޙުއްދީން ދެއްވީ ސިޓީފުޅަކުންނެވެ. ފަހުން އަލްއިޞްލާޙު މަޖައްލާގެ 1933 ވަނަ އަހަރުގެ ސެޕްޓެންބަރު ހަވަނަ ދުވަހުގެ އަދަދުގައި އެ މަޢުލޫމާތު ވަނީ ޝާއިޢުކުރައްވާފައެވެ.
ދިވެހި ސަގާފަތުގެ ތެރޭގައި ދެވިތަކަށާއި ފުރޭތަތަކަށް ނަންކިޔައި އެ ތަކެތީގެ ފުށުން ފޯރާ ގޯނާތަކާއި އެކަންކަމުން ރައްކާތެރިވުމާއި ސަލާމަތްވުމަށް ކުރާނެ ކަންތައްތަކުގެ އާދަކާދަތައް ހުއްޓެވެ. އަދި ބައެއް ދެވިތަކާއި ފުރޭތަތަކުގެ މިޖާޒާއި އުޅުމާއި ވައްޓަފާޅި އާއި އެ އެއްޗެހީގެ އައުލާދަށް ދާންދެން ކިޔާއުޅެއެވެ. ދިވެހީންގެ ތެރޭގައި އުޅުނު ދެވިތަކަކީ ދިވެހީން އިސްލާމްވުމުގެ ކުރިން އުޅުނު ބާޠިލު ދީންތަކާ ގުޅުންހުރި ނަންތަކަކާއި ޚުރާފީ ކަންތައްތަކަކާ ގުޅުންހުރި އެއްޗެހިތަކެކެވެ.
މި ދެވިތަކުގެ ތެރެއިން ބުއްޑެއްވަކީ ދިވެހީން ބުދަށް އަޅުކަންކުރި ޒަމާނުގައި ބުދު ދީނުގެ އެންމެ އިސް ކަލާނގެކަމުގައިވާ ބުއްދާގެ ނަމުން އައިސްފައިވާ ނަމެކެވެ. ޞަލާޙުއްދީން ވިދާޅުވެފައިވަނީ ބުއްޑެއްވަނީ ބުދުތަކުގެ ރޫޙާނީކަމެވެ.
ރަވޯއަކީ ޅަކުދީންނާ ފާވެގެން އުޅޭ ސައިތާނެއްކަމަށް ޞަލާހުއްދީން ވިދާޅުވެފައިވެއެވެ. މި ސައިތާނުގެ އުނދަގޫ ޖެހުމުން ކުއްޖާ މަތިބަލައި ރޮއިހަދައެވެ. ބޮޑުވުން ހުއްޓި ކަޅުކަޅީގެ ކުލަ ހުދުވެއެވެ. ބޯ ބޮޑުވެ ގާތުން ކިރު ނުބޯން އުޅެއެވެ. މި ބަލިޖެހުމުން “ރަވޯ ކައިފައިތިބޭ ކުދިންނޭ” ނުވަތަ “ރަވޯ ގަންފައިތިބޭ ކުދިންނޭ” ވެސް ކިޔައެވެ.
އޮޑިތާން މިއީ ކަނޑުގައި ދަތުރުވެރިންނަށް ޖެއްސުންކޮށް އުޅޭ ސައިތާނެކެވެ. ޞަލާޙުއްދީން ވިދާޅުވެފައިވާ ގޮތުގައި މި ކަލޭގެއަކީ ކަޅުހިލަދާޔަކަށް އަރައިގެން ބިންހިމަފަތަކުން ރިޔަލެއް ނަގައިގެން ކަނޑު ދަތުރުކުރާކަމަށް ކިޔާއުޅޭ ފުރޭތައެކެވެ.
ދެވިތަކުގެ ތެރޭގައި “ހެއިމޫސާ” ކިޔާ ދެއްވެއްގެ ނަން ވެސް ޞަލާހުއްދީން ވިދާޅުވެފައިވެއެވެ. އެކަމަކު އެ ދެވީގެ ޚާއްޞަ ކަމެއް ލިޔުއްވާފައެއް ނުވެއެވެ.
ޞަލާހުއްދީން ވިދާޅުވެފައިވާ ގޮތުގައި “ދިޔޯ” ކިޔާ ދެއްވަކީ ރޫޙާނީ ރާނީއެކެވެ. އެހެން ނަމަވެސް ދިވެހިބަސްފޮތުގައި އޮންނަގޮތުން ދިޔޯއަކީ ރީތި އަންހެނުންނެވެ. ފުރޭތައިގެ ނަމަކީ ދެޔޯއެވެ. ދެޔޯއިންނަކީ ޖިންނީގެ ތެރޭގައި ހިމެނޭ ގަދަފަދަ ބިޔަ ދެ އަންހެން ޖިންނިއެވެ. މީގެ ފިރިހެން ޖިންނިއަށް ކިޔަނީ މާރިދެވެ.
މިސްކިތްދާރައަކީ ރާއްޖެ އިސްލާމްވުމަށްފަހުގައި އުފެދުނު ދެއްވެއްކަމަށް ޙުސައިން ޞަލާޙުއްދީން ވިދާޅުވެއެވެ. މިއީ މިސްކިތާއި ގަބުރުސްތާނު ތެރޭގައި އުޅޭ މުއުމިން ޖިންނިއެކެވެ. މިއީ މީހުންނަށް ގޯނާކޮށް އުޅޭ އެއްޗެއް ނޫނެވެ.
“ހަންޑި” އާއި “ހާމުންޑި” އަކީ ހިންދޫ ދީނުގެ ޗަންޑީ އާއި ޗާމުންޑިން އައިސްފައިވާ ދެނަމެވެ. މިއީ އެ ދީނުގެ “ކާލީ” އާއި “ދުރުގާ” ކަލާނގެއަށް ނިސްބަތްވާ ދެނަމެވެ. ހަންޑިއަކީ އަންހެން ސައިތާނެއްކަށާއި އެއީ ވަރަށް މުޑުދާރު އެއްޗެއްކަމަށް ޞަލާހުއްދީން ވިދާޅުވެފައިވެއެވެ. ހާމުންޑިއަކީ ފިޔޮއްކުކުޅެއްގޮތަށް ފޮޔޮއްތައް ގޮވައިގެން އުޅޭ ނުވަތަ ފީކުކުޅެއްގޮތަށް ފެންނަ ސައިތާނެކެވެ.
ވިގަނި މިއީ ހިންދޫ ދީނުގެ “ރާމާޔަނަ” ވާހަކައިގައި ބުނާ “ވިގަން” ކިޔާ ފުރޭތައެވެ. ކުއްލިކުއްލިއަށް މީސްތަކުން މަރުވުމާއި ވަބާތަކާއި ބޮޑެތި ރޯގާ ބަލިމަޑުކަން ލައިގަންނަނީ ވިގަނީގެ ސަބަބުންކަމަށް ދިވެހީން އައީ ހީކުރަމުންނެވެ. ވިގަނީގެ ސަބަބުން އަންނަ ވިގަނިހުމަކީ މެންދުރަށް އަންނަ ހުމެކެވެ. ވިގަނި ޖެހުމުން ވިގަނި ދުނި ޖަހާނެއެވެ. އަލިފާން ކުލައިގެ މި ދުނި އަޅާފައި ހުންނަނީ ގަބުރުސްތާނަށް ކަމަށް ބުނެވެއެވެ. ޞަލާޙުއްދީން ވިދާޅުވެފައިވާ ގޮތުގައި ވިގަންޏަކީ މަރުގެ ރޫޙާނީ ކަންކަމެވެ.
ކުޑަފޫޅަކީ ވަރަށް މުޑުދާރު އަދި ވަރަށް ގިނަ ދުއްތުރާ މީސްތަކުންނަށް ދޭ އެއްޗެއްކަމަށް ޞަލާޙުއްދީން ވިދާޅުވެފައިވެއެވެ. މި ދެވި ޖައްސާ ބަލީގައި ވާ ގޮތަކީ، ދަހިވެގެން ކާހިތް ނުފިލުމެވެ.
ޞަލާޙުއްދީން ލިޔުއްވާފައިވާ ދެވިތަކުގެ ތެރޭގައި ހިމެނޭ ރޫޙާނީ ބޮޑު ރަސްކަލެއްކަމަށް ބުނެވޭ “އިފުރިންފަރާ” އަށް ދިވެހިބަސް ފޮތުގައި އޮންނަ ނަމަކީ އިފުރިންފިރާ އެވެ. މިއީ ފަންޑިތަވެރިން ބޮޑެތި ކިޔެވެލިތައް ކިޔަވައި ތަކެތި ކަތިލައި ގުރުބާންކޮށް އުޅުނު ދެއްވެކެވެ.
އޮޑިވަރުރެއްސިއަކީ ކަނޑުގައި އުޅޭ ސައިތާނެއްކަމަށް ޞަލާޙުއްދީން ވިދާޅުވެފައިވެއެވެ. މި ފުރޭތަ ކަނޑުދަތުރުކުރާ އޮޑިދޯނިފަހަރާ އަޅައިގަނެގެނެއެވެ.
ކިއްސައްދެއްވި ނުވަތަ ބަބުރުކިއްސަށްދެވި އަކީ ގަބުރުސްތާނުގައި އުޅޭ ސައިތާނެކެވެ. ޞަލާޙުއްދީން ލިޔުއްވާފައިވާ ގޮތުގައި މީހުންނަށް ބަލި ޖައްސައި ކުލަ ރީނދޫކޮށް، މާބަޑު މީހުންގެ ބަނޑުގައި ރޮނގުއަޅައި އުޅެނީ މި ފުރޭތައެވެ.
ޞަލާޙުއްދީން ވިދާޅުވެފައިވާފައިވާ ގޮތުގައި މުޅަދެއްވަކީ ގަބުރުތާނުގެ ދެއްވެކެވެ. މުޅަދެވީގެ ތެރޭގައި މުޅަދެއްވާއި، ކަނޑުމުޅަދެވި ވެސް އުޅުނެވެ. ކަށްޑެއްވާއި މުޅަދެވި ޖައްސާ ބައްޔަށް ދިވެހީން ކިޔަނީ “ކަށްޑެވިމުޅަދެވި” އެވެ. މި ބަލީގައި މީހާގެ ބަނޑުބޮޑުވެ މީހާ ފޮއްސިވެއެވެ.
ޞަލާޙުއްދީން ވިދާޅުވެފައިވާ ގޮތުގައި ބަބުރުކަލޯއަށް ބަޑިއެދުރުކަލޭގެ، ކަލޭފާނު، މާބެއި، ކިރުފެލިހުނި ހުސެންކަލޭގެ ނުވަތަ ބަޑިފުރޭތަ ވެސް ކިޔައެވެ. މިއީ ކުއްފާރު ނުވަތަ ކާފަރު ޖިންނިއެވެ. މިއީ އަބަދު ވެސް ބޮޑުބަޑިއަކާއި ކައިތުވައް ބަޑިއަކާއި ފިސްތޯލައެއް ގެންގުޅޭ މާގަދަފަދަ ސައިތާނެއް ކަމަށް ބުނެވެއެވެ. އޭނާގެ ނަން ގެނެވިއްޖެ ކޮންމެ ތާކު ހުންނާނެކަމަށާއި މިއީ ކިއްސަށްދެތްވާ އެއްބަޑު އެއްބަފާ އެއްޗެއް ކަމަށް ވެސް ބުނެއުޅެއެވެ. މި ބަޑިއެދުރުކަލޭފާނުގެ އަނބި މީހާއަކީ “ދޯގިއައިހާކަނބުލޭގެ” ކިޔާ ދެއްވެކެވެ. ރުމާތީޒަމް ބަލި ޖައްސަނީ މި ކަނބުލޭގެއެވެ.
ރިފަރެންސް:
ޙުސައިން ޞަލާޙުއްދީން. (1933). “ތާރީޚާއިގުޅޭ ޚަބަރެއް” އަލް އިސްލާޙް މަޖައްލާ
ދިވެހިބަހުގެ އެކެޑަމީ. (2024). ދިވެހިބަހުގެ ރަދީފު.