މަނަދޫގެ ތަޢުލީމުގައި ޚިދުމަތްތެރި 3 ބޭފުޅެއްގެ ޒިކުރާ

މިއީ ޙަސަން މަނިކާއި ނައިފަރު ޢަލިބެއާއި ނައިފަރު ޢަލީ މޫސާގެ ވާހަކައެވެ. މި ތިން ބޭފުޅުންނަކީ މަނަދޫގެ ތަޢުލީމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއްކޮށްދެއްވާަފައިވާ ތިން ބޭފުޅުންނެވެ. އެ ބޭފުޅުންގެ އެ އަގުހުރި ޚިދުމަތްތަކުގެ ވާހަކަ މި ފަށަނީ ޝުކުރުވެރި ހިތަކުންނެވެ. ތައުރީފާއި ހެޔޮ އެދުމާއި ހެޔޮ ދުޢާއާ އެކުގައެވެ.

އެއީ 1970 ގެ އަހަރުތަކުގެ ފަހުކޮޅެވެ. މަނަދޫގައި ފަން މަދަރުސާއެއް ހުޅުވެނީއެވެ. ސްކޫލުގެ ދަރިވަރުންތައް އެ މަންޒަރު ބަލަން ތިއްބެވެ. ސްކޫލުގެ ނަން ލިޔެފައި އޮތީ ޢަރަބި އަކުރުންނެވެ. އެއީ މަދަރުސަތުލް އުލޫމެވެ. އެކަމަކު އެނަން އެތަނުގައި ތިބި ގިނަ ކުދީންނަކަށް ކިޔާކަށް ނޭނގެއެވެ. އެއީ އޭރު ތަޢުލީމީ ހާލަތު އޮތް އޮތެވެ. ރައްޔިތުންގެ ބުރަ މިންނަތް މަސައްކަތުން އެ ސްކޫލު ހަދަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އެއީއެވެ. ތަޢުލީމެއް ނުލިބި ކުދީންތަކެއް ގެއްލި ދަނީއެވެ. އާ ހިތްވަރަކާއެކު ސްކޫލެއް ހަދައި ހިންގަން ހަވާލުވީ މަނަދޫ ކަތީބު ހާރޫނު މޫސާއެވެ. ފަނުން ހުރި އެ މަދަރުސާގެ އެއް ކޮޅުގައި އޭރު ހިންގަމުން ދިޔައީ މަނަދޫ އޮފީހެވެ. ތަނަކީ މަނަދޫގައި ވަރަށް ގިނަ ސްކޫލުތައް ކުރިން ވެސް ހިންގާފައިވާ ތަނެވެ. ނ.އަތޮޅުގޭގެ ކުރިމަތިން، ސޯސަންމަގުގެ ދެކުނު ފަރާތުގައި އޮތް ކޮށްޓެވެ.

އޭރު މަނަދޫގެ ވަލުގައި ބަނބުކޭލާއި ކަށިކޭލާއި ބޯކޭލާއި ރުއްގަސް ވަރަށް ގިނައެވެ. އެ ޖީލުގެ ކުދީން ހޭލައިގަތްއިރު މަނަދޫގެ ގޮައި އޮތީ މަނަދޫ ދިލްބަހާރުގޭ އިބްރާހީމް ހާރޫނު (ޙާޖީގޭ އިބުރަބޭ) އަށެވެ. ފަހުން އޮތީ އޮފީހުގެ ބެލުމުގެ ދަށުގައެވެ. އެ ދުވަސްވަރު ވަލުން ކަށިކެޔޮ ކަނޑަށް ބޭނުން މީހުން ދަނީ އޮފީހަށެވެ. އޮފީހަށް ގޮސް ބުނުމުން ކަތީބު އެ މީހަކާ އެކު ކޮންމެ ވެސް ދަރިވަރަކު ފޮނުއްވާނެއެވެ. އެއީ އެންމެ ބޮޑަށް ތިބޭ ދަރިވަރުންގެ ތެރެއިން އެކި ކުދިންނަށް އެކި ދުވަހު ލައްވާލާ ކަމެކެވެ. އެ މަސައްކަތް ހަވާލު ހިސާބުން ފެށިގެން އެ ދުވަހަކު އެ ދަރިވަރެއްގެ ކިޔެވުމުން އެ ނިމުނީއެވެ. އެ ކުއްޖާ ދާނީ އެ މީހަކާ އެކު ވަލަށެވެ. އެގޮތަށްދާ ކުދީންނަށް އެ ދުވަހު ކަނޑާ ކަށިކޭޔޮ ގަނޑުތަކުގެ ތެރެއިން ބޭނުން ކަށިކެޔޮގަނޑެއް ނަގަށް ލިބޭނެއެވެ.

އެ ދުވަސްވަރު ސްކޫލުގައި ކިޔަވައިދެއްވީ މަނަދޫގެ ވެރިންގެ އިތުރުން އަތޮޅު އޮފީހުގައި ވަޒީފާ އަދާކުރަމުންދިޔަ ބައެއް ބޭފުޅުންނެވެ. އޭރު މުދައްރިސުންނަކީ މަނަދޫ ކަތީބު ހާރޫނު މޫސާ އާއި ސަޢީދު ޤާސިމާއި، ޢަބްދުއްރަޙީމް އަބޫބަކުރާއި، ޢަބްދުލްޢްޒީޒް ޤާސިމް ފަދަ ބޭފުޅުންނެވެ. އޭރު ނެތީ އިނގިރޭސި ކިޔަވައިދޭނެ މުދައްރިސެކެވެ. އެހެން މާއްދާތައް ވަރަށް ރަނގަޅަށް ކިޔަވައިދިނެވެ. އިނގިރޭސި ކިޔަވައިދޭ ފެށްޓެވި އެންމެ ފުރަތަމަ މުދައްރިސަކީ އޭރު ހުންނެވި އަތޮޅުވެރިޔާ ޔޫސުފް އާދަމެވެ. އެއަށްފަހު އިނގިރޭސި ކިޔަވައި ދެއްވީ ހޮޅުދޫ ޢަލީ ޝާތިރު (މޭނާ އަލިބެ) އެވެ. އިނގިރޭސީގެ އަކުރުތައް އުގަންނައިދެއްވައި އިނގިރޭސިން ބައެއް އެއްޗެއްސަށް ކިޔާ ނަންތަކާއި ކުދިކުދި ޖުމުލަ ހަދަން ދަސްކޮށްދެއްވިއެވެ. އަލިބެ މަނަދުއަށް ދުރުވީ ނ. އަތޮޅު އޮފީހުގެ ރޭޑިއޯ އޮޕަރޭޓަރަކަށެވެ.

މަނަދޫ ކިޔަވައިދިނުމުގެ ކަންތައްތައް މަދަރުސަތުލް އުލޫމުގައި ކުރިއަށް ދިޔައިރު އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ދަރިވަރުން ގޮވައިގެން އުޅޭނެ މީހެއް އެ ދުވަސްވަރު ނެތްކަމުގެ ފަޅުކަމެވެ. އެކަން ހައްލުކުރެވޭނެ މީހަކަށް މަނަދޫގެ ވެރިންނަށް ފެނުނީ އޭރު މަނަދޫއަށް ފޮނުވާލައްވާފައި ހުންނެވި ޙަސަން މަނިކެވެ.

ޙަސަން މަނިކަކީ ހިންގުންތެރި މުރާލި، ކެރޭ ޒުވާނެކެވެ. ސްކޫލު ހިންގުމުގެ ޒިންމާއާ ޙަސަން މަނިކު ހަވާލުވުމާއެކު މުޅި ރަށަށް އެނގުންވެގެންދިޔައެވެ. ދަރިވަރުންގެ އުޅުމާއި އަޚްލާޤު ވަކި ގޮތަށް ބައްޓަންކޮށް ތަރުބިއްޔަތު ކުރަން މަސައްކަތް ކުރައްވާ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ޙަސަން މަނިކު ިނިދިކުރައްވަން އޮންނަވާ ވަގުތުކޮޅު ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ހުސްވެގެން ހުންނަވަނީ ސްކޫލް ހިންގެވުމާއި ދަރިވަރުންގެ ކަންތައްތައް ބެއްލެވުމުގައެވެ. ޙަސަން މަނިކަކީ ކުދިން ބިރުގަނެ، ޖެހިލުންވާ މުރުޝިދެކެވެ. އަދި ބެލެނިވެރިންގެ މަގުބޫލުކަމާއި އިތުބާރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯއްދެވި މުދައްރިސެކެވެ. ގިނަ ދަރިވަރުން އެންމެ ޖެހިލުންވާ ނުވަތަ ފާހަގަކުރާ ކަމަކީ ޙަސަން މަނިކު ދިގުކުރައްވާފައި ހުންނަ ބޮޑުވައި އިނގިއްޔެއްގެ ނިޔަފައްޗެވެ.

ޙަސަން މަނިކުގެ ދައުރުގައި ސްކޫލުގައި ކިޔެވުން ނޯންނަނީ ހަމައެކަނި ހުކުރު ދުވަހުއެވެ. އެހެން ހުރިހާ ދުވަހަކު ވެސް ކިޔަވައިދެއެވެ. އެންމެ ބޮޑަށް މަނާކޮށްފައި އޮންނަނީ މޫދަށް އެރުމާއި ތާސްކުޅުމެވެ. އެކަން ބެއްލެވުމަށް ޙަސަން މަނިކު ރަށު ތެރޭގައި ހިންގަވައި އުޅުއްވައެވެ. ޚާއްޞަކޮށް ރޯދަމަހުއެވެ. ތާސްކުޅެން އުޅޭ ކުދީން ޙަސަން މަނިކު އަރައިގެން ހުންނަވާ ފައިވާނުގެ އަޑު ފާހަގަކުރަން ދަނެއެވެ. އެހެންކަމުން ޙާސަން މަނިކަށް ނުފެނި ގިނަ ކުދީން ގިނަ ރޭރޭ ފިލާ ރައްކާވެއެވެ. އެހެން އުޅެނިކޮށް ބައެއް ފަހަރު ބައެއް ކުދީން އަތުލައިގަންނަވައެވެ. އެއިން ކޮންމެ ފަހަރަކު ވަރަށް ހެޔޮ ނަސޭހަތް ދެއްވާ ހައްދަވައެވެ. އެ ޒުވަސްވަރު ކުށްތައް ތަކުރާރުކުރާ ކުދިންނަށް ދެއްވާ އެންމެ ބޮޑު އަދަބަކީ ކުލޮރިން ގުދަނަށް ލުމެވެ. މި ޒަމާނުގައި އެފަދަ ކަމެއް ކޮށްފިނަމަ އިންސާނީ ޙައްޤުތަކާއި ކުޑަކުދީންގެ ޙައްޤުތަކާ ހުރެ ކިހާވަރަކުން ދާނެބާވައޭ ހީވެއެވެ.

ޙަސަން މަނިކަކީ ކުދިން ނަމާދަށް ދޭތޯ އާއި ދެ ނަމާދު ދޭތެރޭގައި ގޭގައި ޔާސީން ކިޔަވާތޯ ބައްލަވަން ރަށުތެރޭގައި ހިންގަވައި ހެއްދެވި ބޭފުޅެކެވެ. އަދި ހަވީރު ކުދީން ކުޅިވަރު ކުޅެން ގެންދަވާ ކުޅިވަރާއި ކަސްރަތު ކުރައްވާ ހެއްދެވި ބޭފުޅެކެވެ. އެއީ ދަރިވަރުންގެ ކަންތައްތައް ވަރަށް ގާތުން ބައްލަވައި އުޅުއްވި ހިންގުންތެރި ބޭފުޅެވެ. އެކަން އެންމެ ބޮޑަށް ފާހަގަ ވެގެން ދިޔައީ ޙަސަން މަނިކު މުއްދަތު ހަމަވެގެން މާލެ ވަޑައިގެންނެވުމުންނެވެ.

ޙަސަން މަނިކަށްފަހު އެއައި ހުސްކަން ފުރުމަށް މަނަދޫ ރައްޔިތުންގެ ޚަރަދުގައި ގެންނެވި ބޭފުޅަކީ ނައިފަރު ޢަލީ މުޙައްމަދު (ނައިފަރު އަލިބެ) އެވެ. އަލިބެއަކީ ދީނީ ކަންތައްތަކަށާއި ކީރިތި ޤުރުއާނަށް ޚާއްޞަކޮށް ޤުރުއާްން ކިޔަވައިދެއްވައި އުގަންނަވައި ދެއްވުމަށް ވަރަށް ލޯބި ކުރެއްވި ބޭފުޅެކެވެ. ޙަސަން މަނިކު ވަރު ނުވިޔަސް ރަށު ތެރޭގައި ދަރިވަރުންގެ ކަންތައްތައް ހުންނަ ނުހުންނަގޮތް ބައްލަވައި ހެއްދެވިއެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ރާއްޖެތެރެއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ހުޅުވައިދެއްވި ސްކޫލަކީ މަނަދޫގައި ހުޅުވައިދެއްވި މަނަދޫ ޕްރައިމަރީ ސްކޫލެވެ. މިއީ ކުދިން މަނަދޫ ރައްޔިތުން ހިންގި މަދަރުސަތުލް އުލޫމް އާބާތުރަ ފިލުވައި ހެދުމަށްފަހު ނަން ބަދަލުކޮށްގެން ހުޅުވި ސްކޫލެކެވެ. އެއީ ތާރީޚަކީ 1 މާރިޗު 1979 ގައެވެ. މަނަދޫގައި މިހާރު ހުންނަ ނ. އަތޮޅު މަދަރުސާ ހުޅުވުނު ތާރީޚެއްކަމަށް ބަލަނީ މި ތާރީޚެވެ.

ރައީސް މައުމޫނުގެ ޒަޢާމަތާއެކު ރާއްޖޭގެ ތައުލީމަށް ވަރަށް ބޮޑު އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެންނަވަން ފެށްޓެވިއެވެ. މި ދުވަސްވަރު ނ. އަތޮޅު މަދަރުސާއަށް ނާޒިރެއްގެ ގޮތުގައި މަނަދޫ ލިލީ ޢަބްދުލް ޢަޒީޒް ޤާސިމް ހަމަޖެއްސެވިއެވެ. އެއީ 2 ސެޕްޓެންބަރ 1982 ގައެވެ. މަނަދުއަށް އެންމެ ފުރަތަމަ ސަރުކާރުން ފޮނުއްވި ޓީޗަރަކީ ނައިފަރު ޢަލީ މޫސާއެވެ. ނައިފަރު ޢަލިބެއާއި ޢަލީ މޫސާއާ ދެ ބޭފުޅުންނަކީ ވެސް އޭރުގެ ހާލަތަށް ބަލާއިރު މަނަދޫގެ ތަޢުލީމަށް އާދަޔާ ޚިލާފު ހިތްވަރަކާއި ހިންމަތަކާއެކު މަސައްކަތް ކޮށްދެއްވި ދެ ބޭފުޅުންނެވެ.

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply