ސިފައިންގެ ޑްރާމާ – ދެޔަގަނޑާ

މި އަހަރު ރަމަޟާމަހާ ދިމާކޮށް ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިން އެންސީއޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ދިވެހި ސިފައިން ހުށަހެޅި ޓެލެޑްރާމާގެ ނަމަކީ “ދެޔަގަނޑާ” އެވެ. ދެޔަގަނޑާއަކީ ދިޔަގަނޑު ނުވަތަ މޫދެވެ. ކަނޑުމައްޗަށް އަމާޒުކޮށް ހުށަހަޅާފައިވާ މި ޓެލެޑްރާމާއިން ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑުގެ ޚިދުމަތް ދައްކައިދިންއިރު ވާހަކަ އަމާޒުކޮށްފައިވަނީ ހުވަދު އަތޮޅުގައި ހިނގާ ހާދިސާއެއްގެ މައްޗަށެވެ. އެހެންކަމުން ޑްރާމާގެ ބޮޑު ބައެއްގައި ވާހަކަދައްކަނީ ހުވަދޫ ބަހުރުވައިންނެވެ. ހުވަދޫ ބަހުރުވައިން ވާހަކަ ދައްކާފައި ހުރުމުން އާންމު ބަހުރުވައިން ސަބްޓައިޓަލް ވަނީ އަރުވާފައެވެ.

ޑްރާމާގައި ފުރަތަމަ ވެސް ފެންނަނީ ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާއެކެވެ. ދެން ފެންނަނީ އެ ޑިސްޓްރެސްއާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާ ތަނެވެ. އޮޕަރޭޝަން ސެންޓަރުގައި ކަންތައްތައް ހިނގާގޮތާއި ކޯސްޓްގާޑުގެ ހިތްވަރުގަދަ ސިފައިން އޮޕަރޭޝަނަށް ނިކުންނަގޮތެވެ. އަދި ޕްރޮފެޝަނަލް ކަމާއެކު އޮޕަރޭޝަން ހިންގާ ކާމިޔާބުކުރާގޮތެވެ. މިއާއެކު ފެނިގެންދަނީ ސިފައިން ހިންގާ ކަނޑުމަތީގެ އޮޕަރޭޝަންތަކަށް އާންމު ރައްޔިތުންނާއި ރަށްރަށުގެ ވެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލެއްވުމެވެ. އަދި މިފަދަ ނުރައްކާތެރި ހިތާމަވެރި ހާދިސާތައް ހިންގައިގެން އުޅޭ އިރު އެ ހާދިސާއާ ގުޅުންހުންނަ ޢާއިލާތަކުން ބަރުދާސްތުކުރާ ވޭނާއި ކެކުޅުންތަކެވެ.

ޑްރާމާ ބިނާކޮށްފައިވާ މައިގަނޑު ޝަޚްޞިއްޔަތަކީ ކޯސްޓްގާޑް ޝިޕް ޣާޒީގެ ނެވިގޭޝަން އޮފިސަރ ކެޕްޓަން ނިހާއެވެ. ނިހާއަކީ އަންހެން އޮފިސަރަކަށް ވިޔަސް އަދި ތުއްތު ކުއްޖެއްގެ މަންމައަކަށް ވިޔަސް ކަނޑުމަތީގައި ޚިދުމަތްކުރުމަކީ އޭނާ ނުހަނު ޝައުޤުވެރިވާ ކަމެކެވެ. އެހެން ނަމަވެސް ކަނޑުމަތީގެ ހިތާމަވެރި ކޮންމެ އޮޕަރޭޝަނަކަށް ނިކުންނައިރު ވެސް ނަފުސާނީ ގޮތުން އޭނާއަށް އުނދަގޫތަކެއް ކުރިމަތިވެއެވެ. އެކަމާ ގުޅިފައިވަނީ އޭނާގެ ކުޑައިރުގެ ހަނދާންތަކަކާއެވެ.

ފަޅުމަތީގައި އޮތް ކުޑަ ބޮއްކުރައަކަށް އަރައިގެން ކުޅެންއުޅުމުގެ ތެރޭގައި ނިހާއާއެކު ކުޑަ ކުދިންތަކެއް ގެނބެއެވެ. ނިހާއަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި އޭނާގެ އެންމެ އެކުވެރި މައިޝާ ނިޔާވީއެވެ. ނިހާގެ މަންމަ ބުނާގޮތުން ރަށުތެރޭގައި މީހުން ދައްކާ ވާހަކައިގައި މައިޝާގެ މަރުގެ ތުހުމަތުގެ އިނގިލި ދިއްކުރަނީ ވެސް ނިހާއަށެވެ. ނިހާ ކިޔަވަން މާލެ ފޮނުވުމުގެ ބޭނުމުގައި މާބޮޑު ކަމަކަށް ނުހަދައި ބުނެލި އެ ދެތިން ވާހަކަވީ ނިހާގެ މުޅި ހަޔާތުގައި ބަދުރާސްތުކުރަން ޖެހުނު ނަފުސާނީ ބޮޑު ވޭނަކަށެވެ.

ޑްރާމާ ފެށުނުއިރު ފެންނަ ކަނޑުމަތީގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ސިފައިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ސަލާމަތްކުރި މީހުންގެ ތެރޭގައި ނިހާއާއެކު ކުޑައިރު މޫދުގައި ކުޅެންއުޅުނު ނިހާގެ ދެބެންގެ ދެދަރި އަޙްމަދާއި މައިޝާ ވެސް ހިމެނެއެވެ. އޭރު މައިޝާއަކީ ދުވަސްފުރެން ކައިރިވެފައި އިން މާބަނޑު އަންހެނެކެވެ. މި ހާދިސާގައި އޭނާގެ ފިރިމީހާ ވަނީ ނިޔާވެފައެވެ.

ސިފައިން ހިންގާ މި އޮޕަރޭޝަންގައި ނިހާ ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. މީހުން ހޯދުމުގައާއި މީހުން ސަލާމަތްކުރުމުގައި ނިހާގެ ޢިލްމީ ޤާބިލުކަމާއި ތަޖުރިބާ އަދި ކޯސްޓްގާޑް ސިފައިންގެ ޕްރޮފެޝަނަލިޒަމް ވަރަށް ފުރިހަމައަށް ދައްކުވައިދިނެއެވެ.

މި ޑްރާމައިގެ މައިގަނޑު މެސެޖަކީ ދަރީންކައިރީގައި މާބޮޑު ކަމެއްކަމަށް ނުދެކި މައިންބަފައިންނަށް ހަދާލެވޭ ދޮގަކުން ނުވަތަ ބުނެލެވޭ ނެގެޓިވް ވާހަކައަކުން ދަރިންނަށް ވަރަށް ބޮޑު ނޭދެވޭ އަސަރުތަކެއް ކުރާކަމެވެ. ސިފައިން ކަހަލަ ވަރުގަދަ ބަދަހި އެކުވެރި އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ބައެއްގެ ތެރޭގައި ނިހާއަށް އެކި ގޮތްގޮތުން ލިބިގެންދިޔަ ހިތްވަރާއި ސަޕޯޓް މިފަދަ ކޮންމެ ކުއްޖަކަށް އަދި މީހަކަށް ވެސް މުހިންމުކަމެވެ. މީގެ އިތުރުން ސިފައިންނަކީ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ކުޑަކޮށްވެސް ފަސްޖެހޭނެ ބައެއް ނޫންކަމާއި، ދިވެހި އަސްކަރީ ޚިދުމަތުގައި ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ވެސް މިއަދު ކުރިއަށް ދިއުމުގައި ފުރުސަތުތައް އެއްގަމެކޭ އެއްގޮތަށް ކަނޑުމަތީގައި ވެސް ފަހިވެފައި އޮތްކަމެވެ.

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply