ވާހަކަ ދެއްކުމުގެ ފަންނާއި ހުނަރު ތަރައްޤީކުރެވޭނެ 10 ގޮތް

ވާހަކަ ދެއްކުމުގެ ފަންނާއި ހުނަރަކީ ދަސްކޮށްގެން، ފަރިތަކޮށްގެން ތަރައްޤީކުރެވޭ ކަމެކެވެ. ހުންނަން ޖެހެނީ ޝައުޤުވެރިކަމެވެ. ހޯދަން ޖެހެނީ މައުލޫމާތެވެ.

ވާހަކަ ދެއްކުމުގެ ހުނަރުވެރިކަން އަށަގެންނެވުމަށާއި ތަރައްޤީކުރުމަށް މި 10 ގޮތުގައި ހިފިދާނެއެވެ. މި ފިލާވަޅުތަކަކީ ޑޭލް ކާނޭޖީގެ “އާޓް އޮފް ޕަބްލިކް ސްޕީކިންގ” އިން ލިބުނު މައުލޫމާތު އަސްލަކަށް ބަލައިގެން ހުށަހަޅާ ފިލާވަޅުތަކެކެވެ. މި ފޮތަކީ 1915 ވަނަ އަހަރު ޝާއިއުކޮށްފައިވާފޮތެކެވެ.

1. ހާސްވުމުންނާއި، ބިރުގަތުމުން ސަލާމަތްވުން:

ބަޔަކާ މުޚާޠަބުކޮށް ވާހަކަ ދެއްކުމަކީ ކޮންމެ މީހަކު ވެސް ކޮންމެ ވެސް ވަރަކަށް ޖެހިލުންވާނެ ކަމެކެވެ. ޖެހިލުންވުމާއި ހާސްވުމާއި ބިރުގަތުން ކުޑަކުރެވޭނީ ގިނަގިނައިން ވާހަކަ ދައްކައިގެންނެވެ. ބިރުގަނެ ފިނިވިޔަސް ފަހަތަށް ނުޖެހި ކުރިއަށް ގޮސްގެންނެވެ. ސްޓޭޖު ބިރުވެރިކަމުން އަރައިގަނެވޭނީ އަމިއްލަ ނަފްސަށް އިތުބާރު އުފައްދައިގެންނެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ތައްޔާރުވެގެންނެވެ. މި ކަމަށް ޓަކައި ވާހަކަ ދައްކާ މައުލޫ ރަނގަޅަށް ދިރާސާކުރާށެވެ. ޕޮއިންޓްތައް ހޯދައި ތަރުތީބުކޮށް ރާވާލާށެވެ. ޕޮއިންޓްތަކަށް ވާހަކަ ދައްކަން އުނދަގޫނަމަ ދައްކާ ވާހަކަ (ސްޕީޗް) އެއްކޮށް ލިޔެ ފަރިތަކުރާށެވެ. ބައެއްގެ ކުރިމަތީގައި ހުރެގެން ފަރިތަ (ޕްރެކްޓިސް) ކުރި ވަރަކަށް އިތުބާރު ބޮޑުވަމުން ބިރު ކެނޑެމުންދާނެއެވެ.

2. ހާޒިރީން ދެނެގަތުން:

ވާހަކަ ދައްކަން ތައްޔާރުވާއިރު ހާޒިރީން ނުވަތަ އޯޑިއަންސް ދެނެގަންނާށެވެ. ހާޒިރީން ޝައުޤުވެރިވާނެ ކަންކަމާއި އެ މީހުންގެ ޢިލްމީ ފެންވަރާއި، އުންމީދުތަކަށް ވާހަކަ ތަރުތީބުކުރާށެވެ. ހާޒިރީންނާ ގުޅޭ ބީދައިން އެ މީހުންގެ ފެންވަރުން ވާހަކަ ދައްކާށެވެ. އެ މީހުން ޖަޒުބާތުތަކާ ހަމައަށް މެސެޖުތައް ފޯރުވަން ފަސޭހަވާނީ އޭރުންނެވެ.

3. ހާދިސާތަކާއި ޢިބުރަތްތެރި އަދި މަޖާ ވާހަކަތައް ހިމެނުން:

ހަގީގީ ހާދިސާއެއް ނުވަތަ ޢިބުރަތްތެރި ވާހަކައެއް ނުވަތަ ސަމާސާއެއް ވާހަކައިގެ ތެރޭގައި ހިއްސާކޮށްލުމަކީ ހާޒިރީން ޝައުޤުވެތިވާނެ ކަމެކެވެ. އަދި އެއީ ހާޒިރީން ތިބާގެ ވާހަކަތައް ހަނދާނުގައި ބަހައްޓާނެ ހަމައެކަނި ސަބަބެވެ. މަޖާ ވާހަކައެއް ގެނައުމަކީ ވާހަކައިގެ “ލޮނުހެޔޮވަރު” ކޮށްދޭނެ ކަމެކެވެ.

4. ޔަގީންކަމާއެކު ވާހަކަ ދެއްކުން:

ވާހަކަ ދައްކަންވާނީ ޝައުޤުވެރިކަމާއި ޖޯޝާއެކުގައެވެ. އެ މީހެއްގެ މެސެޖުތައް ގަބޫލުކުރަން ހާޒިރީންނަށް އޭރުން ފަސޭހަވާނެއެވެ. ތޯތޯ އަދި ޔޯލަ ވާހަކަ ދައްކައިގެން ނުވާނެއެވެ.

5. ހާޒިރީންނާ ގުޅޭ ގޮތަށް ވާހަކަ ބައްޓަންކުރުން:

ދައްކާ ވާހަކަ މައުލޫއާގައި ހިފެހެއްޓުމާއި ވާހަކައިގެ ތެރެއިން ގެންނަ މިސާލުތަކާއި ވާހަކަތައް މައުލޫއާ ގުޅުވާލާށެވެ. އަދި އެ މައުލޫ ހާޒިރީންނަށް މުހިންމުވާ ސަބަބުތައް ވިސްނޭގޮތަށް ވާހަކަ ބައްޓަންކުރާށެވެ. ހާޒިރީން ހޭދަކުރާ ވަގުތަކީ ބޭކާރު ވަގުތަކަށް ނަހަދާށެވެ.

6. ބާރުގަދަ ލަފުޒުތައް ބޭނުންކުރުން:

ވާހަކަ ދެއްކުމަށް ސާފު، ޚުލާޞާ، އަދި ޝައުޤުވެރިކަން އުފެދޭ ޒާތުގެ ލަފުޒުތަކެއް ހޮވާލާށެވެ. ހާޒިރީންނާ ބީރެއްޓެހި އުނދަގޫ އަދި ފަންނީ ނުވަތަ ޓެކުނިކަލް ލަފުޒުތައް ބޭނުންނުކޮށް، ވީހާ ވެސް ސާދާ ލަފުޒުތަކަކުން ޖުމުލަތައް ތަރުތީބުކުރާށެވެ. މުހިންމު ލަފުޒުތަކަށް ބާރުލައިގެން ވާހަކަ ދެއްކުމުން ވާހަކައިގެ ފޭރާން ރީތިވާނެއެވެ.

7. ޕްރެކްޓިސް، ޕްރެކްޓިސް، ޕްރެކްޓިސް:

ވާހަކަ ދެއްކުމަށް ތައްޔާރުވުމަށްވުރެ މުހިންމުކަމެއް ނޯވެއެވެ. ފަރިތަކުރާ އިރު އަޑުގަދަކޮށް ބާރަށް ވާހަކަ ދެއްކުމުން ވާހަކަ އޮމާންވެފައި ދޫ ހޭނިފައި، ފަރިތަވާނެއެވެ. ޖުމުލަތައް އެމުނިއެކުލެވޭގޮތް ރަނގަޅުކުރެވޭނެއެވެ. ގިނައިން ރިހާސްކޮށްފިނަމަ އިތުބާރު ބޮޑުވާނެއެވެ. އަދި ވާހަކަ ދެއްކުންތެރިކަމާއި މީހާގެ ހަރަކާތްތައް ގުޅުވާލެވޭނެއެވެ.

8. ހަށިގަނޑުގެ ހަރަކާތްތަކުން ވަށާޖެއްސުން:

ވާހަކަ ދައްކަން ވާނީ ހަށިގަނޑުގެ ހަރަކާތްތައް ޝާމިލުކޮށްގެންނެވެ. އަދި އެ ހަރަކާތްތަކާ ދައްކާ ވާހަކައާ ގުޅެންވާނެއެވެ. ވާހަކަ ދައްކަން ހުންނައިރު ހުންނަންވާނީ ރަނގަޅު ޕޯސްޗަރއެއްގައި ނުވަތަ ރީތިކޮށް ހާޒިރީންނާ ކުރިމަތިލައިގެންނެވެ. ލޮލުގެ ސީދާ ނަޒަރުން ހާޒިރީންނަށް ބެލުމަށާއި، ދައްކާ ވާހަކައިގައި ދޭ މެސެޖު ވަރުގަދަ ކުރުމަށްޓަކައި އަތާއި ބޮލާއި ލޮލާއި ހަށިގަނޑުގެ އިޝާރާތްތައް ގުޅުވާލާށެވެ. އެކަމަކު ޗާބީދޭ ބުދަކަށް ނުވާށެވެ.

9. އަމިއްލަވަންތަކަން:

ކޮންމެ މީހަކު ވެސް ވާހަކަ ދައްކަންވާނީ އެ މީހެއްގެ ވައްޓަފާޅި ނުވަތަ ސްޓައިލްގައެވެ. އެހެން މީހަކަށް ހެދެން ނޫޅޭށެވެ. މޮޅެތި ވާހަކަ ދެއްކުންތެރިންގެ ތަގުރީރުތައް އަޑުއަހައި ބަލައި ހެދިޔަސް ސީދާ އެމީހަކު ކޮޕީކުރަން ނޫޅޭށެވެ. ވާހަކަ ދެއްކުމުގައި ތިބާގެ އަސްލު ފައްޓަފާޅި ހާޒިރީންނަށް މާ ކަމުހިނގައިދާނެއެވެ.

10. އެހެން މީހުންގެ ކިބައިން ދަސްކުރުން:

މޮޅެތި ވާހަކަދެއްކުންތެރިން ވާހަކަ ދައްކާ ގޮތްފާޑާއި އުކުޅުތައް ފާހަގަކުރާށެވެ. އެއަށްފަހު ތިމާގެ އަމިއްލަ ސްޓައިލަށް ތަރުތީބުކުރާށެވެ.

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply