ޤައުމާއި ވަޠަނާއި ދައުލަތާއި ޤައުމިއްޔަތު

ޤައުމާއި، ވަޠަނާއި، ދައުލަތާއި، ޤައުމިއްޔަތާއި ވަޠަނިއްޔަތަކީ ބޭރުގެ ބަސްބަހުން ދިވެހިބަހަށް ވަދެފައިވާ ލަފުޒުތަކެކެވެ. ނަމަވެސް ދިވެހީންގެ ތެރޭގައި މީގެ ބައެއް ލަފުޒުތައް މާނަކުރެވެނީ ބޭރުގެ ބަސްތަކުގައި މި ލަފުޒުތައް މާނަކުރެވޭ ގޮތަކަށް ނޫނެވެ. އަދި ދިވެހިބަސް ފޮތުގައި އޮންނަ މާނައާއި ދިވެހީންގެ ގިނަ ބައެއްގެ ހިތްތަކުގައި މިފަދަ ބައެއް ލަފުޒުތަކުގެ މާނަ އޮންނަ ގޮތް ވެސް ތަފާތުކަން ފާހަގަވެއެވެ.

ދިވެހިބަސްފޮތުގައި އޮންނަގޮތުން “ޤައުމު”ގެ މާނައަކީ ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި އެއް ވެރިކަމެއްގެ ދަށުގައި އުޅޭ ބައެކެވެ. މާނައަކީ ދިވެހި ޤައުމަކީ ދިވެހީންނެވެ. މީހުންނެވެ. މި މާނަކުރުމަށް ބަލާއިރު “ޤައުމު” މާނަކޮށްފައި އެވަނީ އިނގިރޭސިބަހުގެ ނޭޝަން (Nation) ގެ މާނައިގައެވެ. ދިވެހީން ނޭޝަން (Nation) ގެ މާނައިގެ އިތުރުން، ކަންޓްރީ (Country) ގެ މާނައިގައި ވެސް ބޭނުންކުރަމުން އައީ ޤައުމެވެ.

ދިވެހިބަސްފޮތުގައި “ވަޠަން”ގެ އޮތީ ދެ މާނައެކެވެ. އެއް މާނައަކީ އެ މީހަކު ނިސްބަތްވާ ޤައުމެވެ. އަނެއް މާނައަކީ ތިމާ ރަށްވެހިވެފައިވާ ޤައުމެވެ. ބަސްފޮތުގައި ވަޒަން ނުވަތަ “ވަޠަން” މާނަކޮށްފައި އެވަނީ އިނގިރޭސިބަހުގެ ކަންޓްރީ (Country) ގެ މާނައިގައެވެ.

ނޭޝަން (Nation) ގެ މާނައިގައި ޤައުމު މާނަކުރަނީ އެ ބަޔަކު އެއްބައިވަންތަކުރުވާ ސިފަތަކަކާއެކުގައެވެ. މިގޮތުން އެއް ބަހަކާއި، އެއް ސަޤާފަތަކާއި، އެއް ތާރީޚަކާއެކު އެ ބަޔަކު ޤައުމަކަށް ވެއެވެ. ދިވެހީންނަށް ބަލާއިރު މި ސިފަތަކުގެ އިތުރުން ދިވެހީންނަކީ އެއް ދީނެއް ވެސް ހިއްސާކުރާ ބަޔަކަށްވީތީ ދިވެހީންގެ އެއްބައިވަންތަކަން އެހެން ބައެއް ޤައުމުތަކަށްވުރެ ވަރުގަދަވާނެއެވެ. މި މާނައިގައި ޤައުމު ވާނީ އަމިއްލަވަންތަ، އަމިއްލަ ކޮންޓްރޯލް އޮންނަ، ދިފާޢުވުމުގެ ޤާބިލުކަން ހުރި ބަޔަކަށެވެ.

ޤައުމުގެ މާނައިގައި ބޭނުންކުރާ ކަންޓްރީ (Country) އަކީ ޤައުމަކުން އެބައެއްގެ އަމިއްލަ ވެރިކަމެއް ކުރާ އެ ބައެއްގެ އަމިއްލަ ސަރަޙައްދެކެވެ. ޤައުމަކަށް ސަރަޙައްދީ ގޮތުން ލިބެން އޮތް އެންމެ ބޮޑު މިނަކަށް ހޯދުމާއި، އެބައެއްގެ ސަރަޙައްދެއްގެ ގޮތުގައި ވުޖޫދުގައި ބޭއްވުމަކީ ޤައުމެއްގެ ޠަބީޢަތެކެވެ.

ނޭޝަން (Nation) އާއި ކަންޓްރީ (Country)އަކީ ގުޅުންހުރި އަދި ބައެއް ފަހަރު އެއް މާނައެއްގެ ގޮތުގައި ބޭނުންކުރާ ދެ ލަފުޒެވެ. ނަމަވެސް މި ދެ ލަފުޒުގެ މާނަ ތަފާތެވެ. މައިގަނޑު ތަފާތަކީ ނޭޝަން (Nation) ޤައުމުގެ ރައްޔިތުންނަށް ނުވަތަ މީހުންނަށް ނިސްބަތްކުރުމާއި، ކަންޓްރީ (Country) ޤައުމުގެ ބިމަށް ނުވަތަ ސަރަޙައްދަށް ނިސްބަތްކުރުމެވެ.

ދައުލަތަކީ އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާގޮތުގެ މަތީން ވެރިކަމުގެ ބާރުތައް ހިންގާ ފަރާތްތަކާއި، އެންމެހައި ރައްޔިތުންނާއި، ސިޔާސީ ސަރަޙައްދާއި، މި ހުރިހާ ފަރާތްތަކަށް ޖުމުލަކޮށް ކިޔާ ނަމެކެވެ. ދައުލަތް، ސްޓޭޓް (State) ގެ މާނައިގައި އެއީ އެކެއް ނުވަތަ އެއަށްވުރެ ގިނަ ނޭޝަން (Nation) ތަކެއްގެ މައްޗަށް އޮންނަ ދައުލަތެވެ. ދައުލަތް ނޭޝަން-ސްޓޭޓް (Nation-State) ގެ ގޮތުގައި އާންމުކޮށް ބޭނުންކުރަނީ އެއް ނޭޝަން (Nation) އެއްގެ މައްޗަށް އޮންނަ ދައުލަތްތަކަށެވެ. ދައުލަތެއްގެ އަސާސީ ސިފައަކީ ސިޔާދަތީ ބާރު ނުވަތަ އަމިއްލަ ކަންކަން އަމިއްލައަށް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވުމެވެ. ޤައުމުގެ ޝަރުޢީ ޙައްޤު ދެމެހެއްޓުމަށް ޓަކައި ބޭރުގެ ޤައުމުތަކުގެ ތެރެއިން ބޭނުންވާ ޤައުމުތަކަކާއެކު ރަހުމަތްތެރިކަމުގެ ގުޅުންތައް ޤާއިމުކޮށް، ޤައުމުގައި ޤާނޫނާއި ޤަވާޢިދުތައް ތަންފީޒުކޮށް، ދުޝްމަނުންގެ ކިބައިން ޤައުމު ދިފާޢުކުރުމުގެ ޤާބިލުކަން ލިބިފައިވުމެވެ.

ވަޠަނިއްޔަތު (Patriotism) އަކީ އެމީހެއްގެ ވަޠަނު ކަމަށްވާ ޤައުމާ މެދު އެމީހެއްގެ ހިތުގައި އުފެދިފައިވާ އާދަޔާޚިލާފު ލޯތްބާއި ވަފާތެރިކަމާއި އިޚުލާޞްތެރިކަމާއި ޤައުމުގެ މަސްލަހަތު އިސްކުރުމުގެ ޝުޢޫރެވެ. ވަޠަނިއްޔަތަކީ ޤައުމީލޯބި ނުވަތަ ޙުއްބުލްވަޠަން ނުވަތަ ވަޠަން ދެކެ ލޯބިވާ ލޯބިވުމެވެ.

ޤައުމިއްޔަތު ދިވެހި ބަސްފޮތުގައި މާނަކޮށްފައިވަނީ ތިން މާނައެއްގައެވެ. އެއް މާނައަކީ ތިމާގެ އަމިއްލަ ޤައުމާމެދު ހިތުގައި އޮންނަ ފަޚުރުވެރިކަމާއި ލޯބީގެ ޚާއްޞަ ޝުޢޫރެވެ. އަނެއް މާނައަކީ ޤައުމުވަންތަކަމެވެ. ތިންވަނަ މާނައަކީ ވަކި ޤައުމަކަށް ނިސްބަތްވާ ނިސްބަތްވުމެވެ. ޤައުމިއްޔަތު ދިވެހިބަސްފޮތުގައި މާނަކޮށްފައިވާ ގޮތަށް ބަލާއިރު ޤައުމިއްޔަތުގެ ރުކުންތައް ވާންޖެހެނީ ވަޠަންގެ ގިނަ ބަޔަކު ރުހޭ ނުވަތަ އެއްބަސްވާ ސިފަތަކަކަށެވެ. ބަސްފޮތުގައި ޤައުމިއްޔަތު އިނގިރޭސި ލަފުޒެއްކަމުގައި ބަޔާންކޮށްފައިވަނީ ނެޝަނަލިޒަމް (Nationalism) އެވެ. ނަމަވެސް ދިވެހީން ޤައުމިއްޔަތު މާނަކުރަމުން އައީ އެއަށްވުރެ މާ ފުޅާ މާނައެއްގައެވެ. ދިވެހީން، ޤައުމިއްޔަތު މާނަކުރަނީ ނެޝަނަލް އައިޑެންޓިޓީ (National Identity) ގެ މާނައިގައެވެ. އެއީ ދިވެހީންގެ ދިވެހިވަންތަކަމާއި، ދިވެހީންގެ އެކުވި ވިސްނުމުގައި އޮންނަ އެއްބައިވަންތަކަމާއި، ދިވެހީންގެ ދެމިއޮތުމުގެ ފިކުރެވެ.

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply