ފަލަސްތީނު އަޅުވެތިކޮށްގެން އެ ޤައުމުގައި ތިބި ޒަޔަނިސްޓް އިޒްރޭލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ލާއިންސާނީ، ނިރުބަވެރި ހަނގުރާމައިގެ ތެރެއިން ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ ފެށިދާނެކަމަށް ބައެއް މުރާސިލުންނާއި ސްޓްރެޓެޖިސްޓުން ބުނަން ފަށައިފިއެވެ. މިހެން ބުނަން ފެށީ ޔަމަނާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ ކޯލިޝަނެއް އެކުލަވާލުމުންނެވެ. މި ކޯލިޝަން ހެދީ އިޒުރޭލަށް މުދާ އުފުލާ ބޯޓުތަކަށް ޔަމަނުން ހަމަލާދޭތީ އެކަން ހުއްޓުވުމުގެ ނަމުގައެވެ. ޔަމަނާ ހަނގުރާމަ ކުރުމަށް ހެދި މި ކޯލިޝަންގައި ބައިވެރިވި އިސްލާމީ ޤައުމަކީ ބަހުރޭނެވެ. ސައުދީއާއި ޔޫއޭއީ މި ކޯލިޝަނަކާ އަދި ނުގުޅެއެވެ. މި ކޯލިޝަން އުފެއްދުމާއެކު އީރާނުން ކަނޑުގެ ލަޝްކަރު ތައްޔާރީ ހާލަތަށް ގެނެސްފިއެވެ.
މުރާސިލުން ބުނާގޮތުގައި ޔަމަނަށް ހަމަލާދޭން ފަށައިފިނަމަ އީރާނުން މަދަދު ދޭނެއެވެ. އެކަމާ ގުޅިގެން އެމެރިކާގެ ކޯލިޝަނުން އީރާނަށް މި ދަނޑިވަޅުގައި ހަމަލާދިނުމަކީ 3 ވަނަ ބޮޑު ހަނގުރާމަ ފެށުމެވެ.
ޔަމަނަށް ހަމަލާދޭން ފަށައިފިނަމަ ސުއޭޒް ކެނަލް ބަންދުވާނެއެވެ. މިއީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގާއި ތެލުގެ އަގު އުފުލޭނެ ކަމެކެވެ.
ޔަމަނުން ފާޅުގައި ޣާޒާގެ ހަނގުރާމައަށް ވަދެފައިވާކަން ވަނީ އިޢުލާންކޮށްފައެވެ. ޣާޒާއަށް އެމެރިކާއާއި ހުޅަނގުގެ ބައިވެރިވުމާއެކު އިޒުރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތައް ނުހުއްޓެނީސް ޔަމަނުގެ ސިޔާސަތު ބަދަލެއް ނުކުރާނެއެވެ. ޔަމަނަށް ހަމަލާދީ ޔަމަން ބަލިވުމަކީ އިސްތިރާޖީގޮތުން މިވަގުތު އީރާނު ބަލިވުމެވެ. އެގޮތަށްވާން ދޫކޮށްގެން އީރާނު ނޯންނާނެއެވެ. އީރާނަށް ހަމަލާ ދީފިނަމަ އީރާނަށް ރަޝިޔާއާއި ޗައިނާއިން ވާގިވެރިވާނެ ކަމަށް ބެލެވެއެވެ.