ޔަހޫދީ އިޒްރޭލު ވުޖޫދަށް އައިގޮތުގެ ވަގުތުފީތާ

1896: “ޔަހޫދީ ދައުލަތް” (ދަ ޖުވިޝް ސްޓޭޓް) ގެ ނަމުގައި ލިޔުންތެރިޔާ އަދި ޒަޔަނިޒަމްގެ ބައްޕަ ތިއޯޑަރ ހަރޒްލް ފޮތެއް ޝާއިއުކުރި.

28 ޖުލައި 1914: ފުރަތަމަ ބޮޑު ހަނގުރާމަ ފެށުނު އިރުވެސް ފަލަސްތީނު އޮތީ އުސްމާނީ ޚިލާފަތުގެ ދަށުގައި. (1516އިން 1918 އަށް ފަލަސްތީނު އޮތީ އުސްމާނީންގެ ބާރުގެ ދަށުގައި)

02 ނޮވެންބަރު 1917: ބަލްފޯ ޑިކްލެރޭޝަން އެކުލަވާލި. މި އެއްބަސްވުމަކީ ފަލަސްތީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ގާއިމުކުރުމަށް އިނގިރޭސީން އިސްވެތިބެ އެކުލަވާލި އެއްބަސްވުމެއް.

11 ނޮވެންބަރު 1918: ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނު. އުސްމާނީ ޚިލާފަތު ރޫޅި، ފަލަސްތީނުގެ ބިމަށް އިނގިރޭސީން އަތްގަދަ ކުރި.

1918-1921: ރޫސީވިލާތުގައި ހިނގި ދާޚިލީ ހަނގުރާމައިގެ ތެރޭގައި ޔަހޫދީންނަށް އަމާޒުކޮށް ދެމުންދިޔަ އަނިޔާތަކުގެ ސަބަބުން ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރަމުންދިޔަ.

1919- 1923: ގާތްގަނޑަކަށް 40000 ޔަހޫދީން ފަލަސްތީނުގެ ބިމަށް ހިޖުރަ ކުރި. މިއީ ތިންވަނަ އާލިޔާ ނުވަތަ ޔަހޫދީން ފަލަސްތީނުގެ ބިމަށް ކުރި ހިޖުރައިގެ ތިންވަނަ ރާޅު.

10 ޖަނަވަރީ 1920: ’ލީގް އޮފް ނޭޝަންސް’ އުފެއްދި. ޔަހޫދީންގެ ދައުލަތެއް އުފެއްދުމުގެ މެންޑޭޓް އިނގިރޭސީން އެކުލަވާލި.

1923: ޔަހޫދީންގެ ވަޒަނެއް ފަލަސްތީނުގެ ބިމުގައި ގާއިމުކުރުމުގެ މަސައްކަތް ފެށި.

1920: އަރަބީންނާއި ޔަހޫދީންނާ ދެމެދު ހަމަނުޖެހުންތަކާއި ދެކޮޅުވެރިކަން އުފެދި ނަބީ މޫސާ ހަމަނުޖެހުން ހިނގި.

15 ޖޫން 1920: ޔަހޫދީންގެ އަސްކަރީ ޖަމްޢިއްޔާއެއް “ހަގާނާ” ގެ ނަމުގައި އުފެއްދި. (އިޒްރޭލު އުފެދުމާއެކު އިޒްރޭލް ޑިފެންސް ފޯސް (އައިޑީއެފް) ގެ ގޮތުގައި މި ޖަމާޢަތް ހަމަޖެހިގެންދިޔަ)

1921: އަރަބީންނާއި ޔަހޫދީންނާ ދެމެދު ޖައްފާ ހަމަނުޖެހުން ހިނގި.

1924- 1928: ހަތަރުވަނަ އާލިޔާގައި 80،000 އަށް ވުރެ ގިނަ ޔަހޫދީން ފަލަސްތީނަށް ހިޖުރަ ކުރި. މިއީ ޔޫރަޕުގައި އޮތް ޔަހޫދީންނާ ދެކޮޅު ފިކުރު (އެންޓި ސެމެޓިޒަމް) އާ ފިލުމަށް އައިބައެއް.

1925: ފަލަސްތީނުގައި ޔަހޫދީންގެ ހިބުރޫ ޔުނިވާސިޓީ ހުޅުވި. އަދި ޔަހޫދީންގެ ޤައުމީ ކައުންސިލެއް އުފެއްދި.

1923: ޖަރުމަނުގައި ނާޒީންގެ ބާރު ގަދަވެ ޔަހޫދީންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން 5 ވަނަ އާލިޔާގައި 250،000 އަށް ވުރެ ގިނަ ޔަހޫދީން ފަލަސްތީނަށް ހިޖުރަ ކުރި.

1933: ޔަހޫދީންގެ ހިޖުރަކުރުން އިނގިރޭސީން ކޮންޓްރޯލްކުރަންފެށި.

1939- 1936: ފަލަސްތީނުގައި އޮތް އިނގިރޭސީންގެ ވެރިކަަމާ ދެކޮޅަށް ފަލަސްތީނުގެ ޢަރަބީން ނިކުތް.

1936 އެޕްރީލް: އިނގިރޭސީންނާއި ޔަހޫދީންނާ ދެކޮޅަށް ފަލަސްތީނުގައި ޢަރަބި ޤައުމީ ކޮމިޓީގެ ނަމުގައި ޖަމާޢަތެއް އުފެއްދި.

07 ޖުލައި 1937: ފަލަސްތީނު ބައިކުރުމުގެ މެންޑޭޓްދީގެން ޕީލް ކޮމިޝަނެއް އިނގިރޭސީން އުފެއްދި.

1937: ފަލަސްތީނު ރައްޔިތުން މިނިވަންކަން ހޯދުމަށް އިނގިރޭސީންނާއި ދެކޮޅަށް ދެވަނަ ފަހަރަށް ތެދުވި. މި ޖިހާދީ ހަރަކާތުގެ ތެރޭގައި ފަލަސްތީނުގެ 5000 ރައްޔިތުން ޝަހީދުކުރި.

1939: ފަލަސްތީނު ދެބައި ކުރަން ޕީލް ކޮމެޓީން ހުށައެޅި ހުށައެޅުން ފެއިލް ވުމުން އިނގިރޭސީން ވައިޓްޕޭޕަރ އެއް ކަނޑައެޅި.

01 ސެޕްޓެންބަރު 1939: ދެވަނަ ބޮޑު ހަނގުރާމަ ފެށުނު

1943 ސެޕުޓެންބަރު: ދެވަނަ ބޮޑު ހަނގުރާމައިގައި އިޓަލީން ޖަރުމަނު ފަޅިއަށް އަރައި، އިނގިރޭސި ކޮމަންވެލްތާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރި. އިޓަލީގެ މަތިންދާބޯޓުތަކުން ޓެލް އަވީވް އަދި ހައިފާއަށް ބޮން އެޅި.

02 ސެޕްޓެންބަރު 1945: ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް އައި.

1930 – 1945: ނާޒީން ޔޫރަޕުގައި ތިބި ޔަހޫދީ ދަރިކޮޅުގެ ހުރިހާ އެންމެން މެރުމަށް ކުރި މަސައކްަތުން 6 މިލިއަން ޔަހޫދީން މަރާލި. މިއީ ޔަހޫދީންގެ ގަތުލުއާންމު ނުވަތަ ހޮލޮކޯސްޓް.

1946: ޕޮލެންޑުގައި ޔަހޫދީންގެ ބޮޑު ގަތުލު އާންމެއް ހިނގައި ދިއުމުން، ނާޒީންގެ ގަތުލުއާންމުގައި ސަލާމަތްވީ ޔަހޫދީން ޔޫރަޕުން ފަލަސްތީނަށް ހިޖުރަކުރި.

04 އޮކުޓޫބަރު 1946: ފަލަސްޠީނު ދެ ބަޔަށް ބަހާލުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އެމެރިކާގެ ރައީސް ހެރީ އެސް. ޓްރޫމަން އިޢުލާންކުރި.

1947 ޖަނަވަރީ: ފަލަސްތީނު މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދި އިނގިރޭސީން އދ ގެ ޖެނެރަލް އެސެމްބްލީ އަށް ހުށަހެޅި.

29 ނޮވެންބަރު 1947: އދ ގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި މަޝްހޫރު ޤަރާރު ނަންބަރު 181 ފާސްވެ، އެ ޤަރާރުގެ ދަށުން ޔަހޫދީ ދައުލަތް ވުޖޫދަށް ގެނެވުނު.

1947: ޢަރަބް ލިބަރޭޝަން އާރމީ ނުވަތަ އޭއެލްއޭ ސީރިޔާގައި އުފެދުނު. 1948 ޖަނަވަރީމަހު އެ ޖަމާޢަތް ފަލަސްތީނަށް ވަންނަންފެށި.

14 މޭ 1948: ފަލަސްތީނުގައި އޮތް އިނގިރޭސީންގެ ވެރިކަން ނިމުމަކަށް ގެނައި. ޔަހޫދީންގެ ކައުންސިލުން ބައްދަލުކޮށް އިޒްރޭލުގެ ޔަހޫދީ ދައުލަތް ޑޭވިޑް ބެން ގްވީރް އިޢުލާންކުރި. އެއީ ފަހުން އިޒްރޭލުގެ ފުރަތަމަ ބޮޑު ވަޒީރު.

15 މޭ 1948: އިޒްރޭލުގެ ދައުލަތް އިޢުލާންކުރުމުން ޢަރަބި 5 ޤައުމު ކަމަށްވާ މިޞުރާއި ސީރިޔާއާއި ލުބްނާނާއި ޓްރާންސްޖޯރޑަނާއި ޢިރާޤުން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށް އިޒްރޭލަށް އަރައިގަތް.

01 ޑިސެންބަރު 1948: އުރުދުން އާއި އިޒްރޭލާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއި ކުރި.

24 ފެބުރުވަރީ 1949: މިޞުރުން ވެސް އިޒްރޭލާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރި. ފަހުން ލުބްނާނާއި ސީރިޔާއާއި ޢިރާޤުވެސް ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުންތަކުގައި ސޮއިކުރި.

1949: އދ ގެ މެންބަރު ޤައުމެއްގެ ގޮތުގައި އިޒްރޭލު ކަނޑައެޅި.

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply