ޢުމަރުގެފާނުގެ މަދަނީ އަދި އަސްކަރީ އިދާރީ ސިޔާސަތު

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބިން ޚައްޠާބުގެ ޒަމާނުގައި އިސްލާމީ ދައުލަތްފުޅާވެ ކުރިއަރައިގެން ދިއުމުގެ ސަބަބުން އިދާރީ ނިޒާމެއް ގާއިމުކުރައްވަން ޖެހިވަޑައިގަތެވެ. އެ ދުވަސްވަރަކީ އިސްލާމީ ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި އާ ސިޔާސަތުތަކެއް ތަޢާރަފު ކުރެއްވި ދުވަސްވަރެކެވެ.

ޢުމަރުގެފާނުގެ ޚަލީފާކަމުގައު ފަތަޙަ ކުރެއްވި ސަރަހައްދުތަކުގެ ތެރޭގައި ފާރިސީންނާއި ރޯމަނުން ގެންގުޅެފައިވާ ހިންގުމުގެ ނިޒާމާއި އިދާރީ އޮނިގަނޑުން ބައެއް ތަޖުރިބާތައް އެކަލޭގެފާނު ހޯއްދެވިއެވެ. 23 އޯގަސްޓް 634 ގައި ޚަލީފާކަން ލިބިވަޑައިގަތުމުން މުސްލިމުންގެ ބާރުގެދަށުގައި އޮތް ބޮޑެތި ރަށްރަށަށް ގަވަރުނަރުން އައްޔަންކުރައްވައި އިސްލާމީ ދައުލަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ހިންގަވަން ފެއްޓެވިއެވެ. އަދި ދައުލަތުގެ ބާރުތައް ވަކިކުރައްވައި ޝަރުޢީ ނިޒާމު މުޅީން މިނިވަން ކުރެއްވިއެވެ. އަސްކަރީ ކޮމާންޑަރުންނާއި ގަވަރުނަރުންނާ ބެހޭ ޝަކުވާތައް އައްސަވައި މައްސަލަތައް ބެއްލެވިއެވެ. ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމަށް އިސްކުރެއްވި ވެރިންގެ އިތުރުން ޚުދު އެ މަނިކުފާނު ވެސް ރަށުތެރެއާއި ބާޒާރުމައްޗަށް ނުކުންނަވައި އަދި ދުރު ރަށްރަށަށް ދަތުރުކުރައްވައި ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވިއެވެ. ޚާއްޞައެހީތެރިކަމަށް ބޭނުންވާ ފަރާތްރަކަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ.

އަސްކަރި ބާރުތަކާއި ލަޝްކަރުތަކުގެ ކަންތައްތައް ގާތުން ބައްލަވައި އަގުވަޒަން ކުރެއްވިއެވެ. ޢުމަރުގެފާނު، އިރާގާއި ސީރިއާ އާއި މިސްރުގައި ގިނަ އަދަދެއްގެ ސިފައިންނަށް ތިބެވޭ ގޮތަށް ވަސީލަތްތައް ޤާއިމުކުރެއްވިއެވެ. މި ކަމުގެ ސަބަބުން މުސްލިމުންގެ އަސްކަރީ ބާރުތަކުގެ އިސްވާރުންގެ ބެލުމުގެ ދަށުން އިދާރީ ނިޒާމު ހިންގުމަށް ފަސޭހަވިއެވެ. މުސްލިމުން ފަތަޙަކުރި ސަރަޙައްދުތަކުގައި ދަނޑުވެރިކަމުގެ ސިނާޢަތު ފުޅާކޮށް ރައްޔިތުންނަށް މިނިވަންކަމާއެކު ދިރިއުޅެވޭނެ ފުރުސަތު ހޯއްދަވައި ދެއްވިއެވެ. ލިބޭ އާމުދަނީ ވަޒަންކޮށް، ބިންތައް ސާވޭކޮށް، ޓެކްސް ނިޒާމު ތަޢާރަފުކުރެއްވިއެވެ.

ޢުމަރުގެފާނުގެ ޒަޢާމަތުގައި ފުޅާވެގެން އައި އިޤްތިޞާދީ ކުރިއެރުންތަކުގައި އިޤްތިޞާދީ މާހިރެއް ކަމުގައިވާ ޢުޘްމާން ބިން ޙުނައިފުގެ ވަރަށް ބޮޑު ހިއްސާއެއް އޮތެވެ. އިރާގުގައި ދަނޑުފަނގު ތަރައްޤީކޮށް ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއަށް ގެންދެވުމަށް އުޘްމާން ބިން ހުނައިފް އައްޔަން ކުރެއްވި އެވެ. އިރާގުގެ ފުރަތަމަ ފައިނޭންޝަލް ކޮމިޝަނަރުގެ ގޮތުގައި އެ ޤައުމުން ލިބޭ އާމުދަނީ އެއްކުރެވޭނެ އެސެސްމަންޓްތައް އެކަލޭފާނު ހައްދަވައި ނިންމެވިއެވެ.

ސީރިޔާއާއި އުރުދުންނާއި ފަލަސްތީނު ފަތަޙަ ކުރެއްވުމަށް ފަހު، ޢުމަރުގެފާނު ސީރިޔާގެ ގަވަރުނަރަކަށް އައްޔަން ކުރެއްވީ ޔަޒީދު ބިން އަބޫ ސުފްޔާނެވެ. އުރުދުންގެ ގަވަރުނަރުކަން ދެއްވީ ޝުރަހުބީލް ބިން ޙަސަނާއަށެވެ. ފަލަސްޠީނުގެ ގަވަރުނަރުކަން ދެއްވީ ޢމްރު ބިން ޢާސް އަށެވެ. ދިމިޝްޤުގެ ގަވަރުނަރުކަމަށް އައްޔަން ކުރެއްވީ އަބޫ ޢުބައިދާ ބިން އަލްޖައްރާހެވެ. ޢަމްރު ބިން ޢާސް މިޞްރު ފަތަޙަ ކުރެއްވުމުން، އެކަލޭގެފާނު އެ ޤައުމުގެ ގަވަރުނަރު ކަމަށް ހަމަޖެއްސެވިއެވެ.

ސީރިޔާގެ ގަވަރުނަރު ކަމުގައި ހުންނެވި ޔަޒީދު ބިން އަބޫ ސުފްޔާން އަވަހާރަވުމުން އެ މަގާމަށް ޢުމަރުގެފާނު އައްޔަން ކުރެއްވީ ޔަޒީދުގެ ކޮއްކޮ މުޢާވިޔަތު ބިން އަބޫ ސުފްޔާނެވެ. އަދި ދިމިޝްޤުގެ ގަވަރުނަރަކަށް ހުންނެވި އަބޫ ޢުބައިދާ އަވަހާރަވުމުން ދިމިޝްޤު މުޢާވިޔާގެ އިޚްތިޞާޞްގެ ދަށަށް ލެއްވިއެވެ.

މި ދުވަސްވަރު ޢުމަރުގެފާނު ގެންނެވި އަނެއް ބަދަލަކީ ސީރިއާގައި އޮތް އިސްލާމީ ލަޝްކަރުގެ ސުޕްރީމް ކޮމާންޑަރުގެ މަގާމުން ޚާލިދު ބިން އަލް ވަލީދު ވަކި ކުރެއްވުމެވެ. އެކަމަކު ޚާލިދުގެފާނުގެ ފަރާތްޕުޅުން ފެނިވަޑައިގަތީ ކެތްތެރިކަމާއި ޕްރޮފެޝަނަލިޒަމެވެ. އަދި އެ ސަރަޙައްދުގައި ތިއްބެވި މުސްލިމް ކޮމާންޑަރުންގެ ފަރާތްޕުޅުން ފެނިވަޑައިގަތީ ޚާލިދުގެފާނަށް ކުރެއްވި އިޙުތިރާމެވެ.

ޢުމަރުގެފާނު ގެންނެވި އަނެއް ބަދަލަކީ ފާރިސީންނާ ދެކޮޅަށް ކުރި ޤާދިސިއްޔާ ހަނގުރާމައިގައި ކާމިޔާބު ހޯއްދެވި ސައުދު ބިން އަބީ ވަޤާސް އިރާޤުގެ ގަވަރުނަރުކަމުން ވަކިކުރެއްވުމެވެ. އަދި މިސްރުގެ ގަވަރުނަރު ޢަމްރު ބިން ޢާސްއަށް މާލީ ކަންކަމުގައި އެހީތެރިވުމަށް ޢަބްދުالله ބިން ސައުދު ބިން އަބީ ސާރާ އައްޔަން ކުރެއްވުމެވެ. ޢުމަރުގެފާނަކީ އަސްކަރީ ކޮމާންޑަރުންނާއި ގަވަރުނަރުންގެ ކަންތައްތައް ވަރަށް ގާތުން ބައްލަވައި އިރުޝާދު ދެއްވި އިސްވާރެކެވެ.

ޢުމުރުގެފާނު ދައުލަތުގެ މަގާމުތަކަށް ލެއްވީ އިތުބާރުހިފޭ ޤާބިލް ނަޒާހާތްތެރީންނެވެ. ޢިލްމާއި ތަޖުރިބާހުރި އޯގާތެރި ހިތްހެޔޮ މީހުންނެވެ. ޢާއިލީ ގޮތުން އެކަލޭގެފާނާ ގާތް މީހުންނާއި މަގާމުތަކަށް ދަހިވެތި މީހުންނާއި، ވިޔަފާރިވެރީން ސިޔާސީ މަޤާމުތަކަކަށް ނުލައްވައެވެ. އަދި އަމުދުން ދައުލަތުގެ މަގާމުތަކުގައި ތިއްބަވައިގެން ވިޔަފާރިކުރެއްވުން މަނާ ކުރައްވައި ބަރާބަރަށް ސިޔާސީ ބޭފުޅުންގެ މާލީ ހިސާބުކިތާބުތައް ބެއްލެވުއެވެ.

ޢުމަރުގެފާނަށް ޚާލީފާކަން ލިބިވަޑައި ގެންނެވުމުން ދެއްވި ތަގުރީރުގައި ހާމަކުރެއްވި ފިލޯސަފީ ޚަލީފާކަމުގައި ހޭދަކުރެއްވި 10 އަހަރު ދެމެހެއްޓެވިއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. “އަރަބީންގެ މިސާލަކީ ހަރުކަށި އަދަބުތައް ދިނުމުން ކިޔަމަންނުވާ އެކަމަކު ހެޔޮކޮން ކަންތައްކުރުމުން ކިޔަމަންވާ ޖަމަލެއްގެ މިސާލެވެ. ފަހެ އެފަދަ ޖަމަލެއްގެ ލަގަނުގައި ހިފަހައްޓައިގެން ހުރި މީހަކު އެ ޖަމަލު ދަތުރުކުރާނެ މިޞްރަބަކާމެދު ވިސްނުން ހުއްޓެވެ. ކަޢުބާގެވެރި ރަސްކަލާނގެ ގަންދީ ބުނަމެވެ. އަހަރެން ތިޔަބައިމީހުން ތެދުމަގުގައި ކުރިއަށް ގެންދާނަމެވެ.” (ނިމުނީ)

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply