ހދ. އަތޮޅު ފަރިހިން އެ ޒަމާން

ފަރިއްސަކީ ޅެން ހަދާން ފެށުމުގެ ކުރީން ހަދައިއުޅުނު ދިވެހި ވަޒަންބަހުރުވައިގެ ބާވަތެކެވެ. ފަރިހީގެ ތެރޭގައި ސަމާސާ ފަރިއްސާއި، މަލާމާތުގެ ފަރިއްސާއި، ދަތުރުނާމާ ފަރިއްސާރި، ނަސޭހަތުގެ ފަރިއްސާއި، ހާލަތު ބަޔާންކޮށްދޭ ފަރިއްސާއި، ލޯބީގެ ފަރިއްސާއި ހާދިސާތައް ނުވަތަ ވާހަކަ ކިޔައިދޭ ފަރިއްސާއި މަޢުލޫމާތު އޮޅުންފިލުވައިދޭ ފަރިހި ހުރެއެވެ. ހދ. އަތޮޅު ފަރިއްސަކީ އެ އަތޮޅުގެ ރަށްރަށަށް ލިބިފައިވާ ބައެއް ޚާއްޞަ ސިފަތަކާއި މަލާމާތުގެ ގޮތުން ނިސްބަތްކޮށް އުޅޭ ބައެއް ކަންކަން ހިމަނައިގެން އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ނަންތައް ތަރުތީބުން ކިޔައިދީފައިވާ ޒަމާންވީ ފަރިއްސެކެވެ.

ހދ. އަތޮޅުގައި ޖުމްލަ 34 ރަށް އޮވެއެވެ. އޭގެތެރެއިން މިހަރު މީހުން ދިރިއުޅެނީ 13 ރަށުގައެވެ. މި 13 ރަށަކީ

ހަނިމާދޫ، ފިނޭ، ނައިވާދޫ، ހިރިމަރަދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ، ނޮޅިވަރަން، ކުރިނބީ، ކުޅުދުއްފުށި، ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ، މަކުނުދޫ އެވެ. ފަރިހީގައި މި 13 ރަށުގެ އިތުރުން އޮތީ ދާދި ފަހަކާ ޖެހެންދެން ވެސް މީހުން ދިރިއުޅުނު ފަރިދޫ، މާވައިދޫ، ކުބުރުދޫގެ ނަމެވެ. މި ތިން ރަށުން މީހުން ސުނާމީއަށްފަހު ވަނީ ނޮޅިވަރަންފަރަށް ބަދަލުވެފައެވެ.

މިއަދު މިވަނީ އެ ޒަމާން ފަސްދީފައެވެ. އެ ޒަމާނުގައި ގިނަ ރަށްރަށް ސިފަކުރި ޚާއްޞަ ސިފަތައް މިއަދަކު އެ ރަށްރަށަކުން ނުފެނެއެވެ.

މި ފަރިހީގައި ފަރިދޫ ސިފަކޮށްދީފައި ވަނީ އަލުވި ދަނޑުތައް އޮތް ރަށެއްގެ ގޮތުގައެވެ. ހަނިމާދޫ ސިފަކޮށްދީފައިވަނީ އަތޮޅުން ވިދާ ތަރިއެއްގެ ގޮތުގައެވެ. ފިނޭ ސިފަކޮށްދީފައިވަނީ ވަކުތެރޭގައި ކަކުނި އުޅޭ ރަށެއްގެ ގޮތުގައެވެ. ނައިވާދޫ ސިފަކޮށްދީފައިވަނީ ރޫޙު ދިރޭ ތިޔާގި ރަށެއްގެ ގޮތުގައެވެ. ހިރިމަރަދޫ ސިފަކޮށްދީފައިވަނީ ވަލުތެރޭގައި މީދާ ވިހައިން ސަލާމަތްވާނެ ފެންގަނޑެއް އޮތް ެަރަށެއްގެ ގޮތުގައެވެ. ނޮޅިވަރަންފަރާއި ނޮޅިވަރަން ސިފަކޮށްފައިވަނީ ހިތް ފަސޭހަ އަދި މާ މީރު ސަރުބަތެއް ތައްޔާރުކުރާ ދެ ރަށުގެ ގޮތުގައެވެ.

ނެއްލައިދޫއާ ބެހޭ ގޮތުން ބުނެފައި ވަނީ އެއީ ރީތި ތުނޑިއެއް އޮންނަ މުޅި އަތޮޅުން ވެސް މަސްވެރިކަމުން އެއްވަނަ ރަށްކަމުގައެވެ. ކުރިނބި ސިފަކޮށްފައި ވަނީ ވަލުތެރެއަށް ފާޚާނާކުރާ، އަދި ވަޅުދޮށުން ތާހިރުވާ ބައަކު އުޅޭ ރަށެއްގެ ގޮތުގައެވެ. ކުނބުރުދޫ ސިފަކުރަނީ މީދަލެއްކަމަށް ހީކޮށް ސަބުދެލި ދަނޑިން ތަޅައި ވަށްޓެއް ފުނޑާލި ބައެއްގެ ގޮތުގައެވެ. ކުޅުދުއްފުށި ސިފަކޮށްދީފައިވަނީ މަލަ ރީތި ރަށެއްގެ ގޮތުގައެވެ. ކުމުންދޫ ސިފަކޮށްފައި ވަނީ އެ ެަރަށުގެ އަންހެން ކުދީން މަޑުމައިރި ހިނގުމުންނެވެ. ނޭކުރެންދޫ ސިފަކޮށްފައި ވަނީ ވެރިންނަށް ފަސްނުޖެހި ކިޔަމަންތެރިވާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައެވެ.

ވައިކަރަދޫ ސިފަކޮށްފައިވަނީ ދަނޑުވެރިކަމުން އަރާހުރި ރަށެއްގެ ގޮތުގައެވެ. މާވައިދޫ ސިފަކޮށްފައި ވަނީ ޅަފުރާ ޒުވާންކުދިން ރަށުގައި އުޅޭހިތްނުވާ ރަށެއްގެ ގޮތުގައެވެ. މަކުނުދޫ ސިފަކޮށްފައި ވަނީ ކެތްތެރި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައެވެ. މި ފަރިހީ ކުރެޑިޓް ޙައްޤުވަނީ ފަރިހީގެ ޙައްޤުވެރި ފަރާތަށެވެ.

ހދ. އަތޮޅު ފަރިހި

ފަސްލުން މަ ފެށީ އަލުވި ދަނޑުތެރޭން ފަރިދޫ ދޯ

ލަސްނުވެ ކިޔަން އަތޮޅުވަރި މަ ފެށީ މިތާ ދޯ

ދިއްލާލި އަލި މުނައްވަރު ކަން ގަދަވި ތަރިއަކީ

ބިއްލާހިފަދަ ތެދޭ ހަނިމާދޫ މިހާރު ދޯ

ބިރުތައް މިދެއްކި ކަކުނި ފިނޭ ވަލުތެރޭ ވަނީ

ކިރުފެންކުލައިގެ ކިސަޑުގަނޑަށް ވަދެ ފިލީތަ ދޯ

ކައިބޮއިއުޅުމަށް ރޫޙުދިރޭ ގޮތްވެ އާރޯ

ނައިވާދު ދިރޭ ގޮތް މިވަނީ ފުށިދަށުންތަ ދޯ

ސީދާ ޔަގީންވެ ހިރިމަރަދޫ ވަލުތެރޭ ވަނީ

މީދަލު ވިހައިން ދިފާޢުވުމުގެ ފެންގަނޑެއްތަ ދޯ

ފަރު ނޮޅިވަރަމް ދެ ރަށް ދޫކޮށް އެއްލި ކަޅިޔަކުން

ސަރުބަތު ކުސީރު ރަހަ އަނގަޔަށް އައީތަ ދޯ

ތުނޑި ރީތިވި ނެއްލައިދޫ މަސްވެރިކަމުގެ ގޮތުން

މުޅި ހާދާލުން އެއްވަނަ ހޯދައިފިތާ ދޯ

ވަލަކަށް އެ ދަނީ ކުރިނބިކަތުން އަތިރިކަމަށް ދޯ

ވަޅުގާމައްޗަށް ފައިނަގަނީ ތާހިރުވާން ދޯ

މީދާދެ ކަމަށް ހީކޮށް ސަބުދެލި ލަޓިން ތަޅާ

ވީދާ ވަށި އެއްލައިލި ކުނބުރުދޫގެ ކަމެއް ދޯ

ކުޅުއްފުށީގެ މަލަމަތި ވެސް ރީތިކަން ދޯ

ފުޅު އާޝިޤާގެ ބޮލުހުޅި ބަބުޅައިފި ތާ ދޯ

މަޑުމައިތިރިވެ ހިނގާ އެ ކުމުންދޫގެ އަންހެނުން

ލަނޑުދީފަ ޒިންދަގީ ރޭހުން ކުރިއެރީތަ ދޯ

އަސްތާ މަގޭ ކުރެންދޫ ނޭ ރައްޔިތުން އެކީ

ފަސްނުޖެހިވެރިންނަށް ކިޔަމަން ވެއްޖެތާދޯ

އެކިއެކި ކަރަދުން ވައިކަރަދޫ ދަނޑުތެރޭ ހިނގާ

ހެކިކޮށްފަ ޒިޔާރަތުގެ ގޮތުން ކުރިއެރީތަ ދޯ

މަފުތާ ބުނަންހެ މާވައިދޫ އަންހެނުން ތެރޭ

ޅަފުރާކުދިން ރަށުން ފައިބައިގެން ދަނީތަ ދޯ

ދޫމަކުނު ރައްޔިތުން ކެތްކޮށްފިޔެ ނިހާޔަތަށް

ފޫޒުން މި ހިންގި ބަޔަކު އަނިޔާތަކަށް ވަ ދޯ

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply