ޒުވާނެއްގެ ނަސޭހަތް: “އަހަރެމެންނަށް ވެސް ވާނެ”

މިރޭ ފެނުނު މަންޒަރެކެވެ. ތަރާވީހުގައި ހަތަރު ރަކުއަތް ކުރުމަށްފަހު ކައިރީގައި ތިބި ދެ ޒުވާނަކު ވާހަކަ ދައްކަން ފެށިއެވެ. އެކަކު ބޭނުންވީ ތަރާވީސް ނަމާދު އެ ހިސާބުން ކުރުކޮށްލާފައި މިސްކިތުން ފައިބާށެވެ. ފައި ދައްކާފައި ފަޔަށް ތަދުވާ ވާހަކައާއި ބުރަކަށީގައި ރިއްސާ ވާހަކަ އޭނާ ބުންޏެވެ. އެ ވަގުތު އަނެއް ޒުވާނާ ދެއްކީ ކުރިމަތީ ސަފުގައި ހުރި އުމުރުން ދުވަސްވީ މީހެކެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. ދެން ފެނުނީ އެ ދެ ޒުވާނުން ތަރާވީސް ކުރަން ފެށިތަނެވެ. އިމާމާއެކު ތަރާވީސް އެ ދެ ޒުވާނުންކޮށް ނިންމާލިއެވެ. އޭރު ގަޑިން ރޭގަނޑު 9:25 އެވެ. އެ ދުވަސްވީ މީހަކީ އެ ކުދިން ދަންނަ މީހެއް ނޫންކަން އަޅުގަނޑަށް އެނގުނެވެ.

ހުދު ޓީޝާޓަކާއި ހުދު މުންޑެކެވެ. ބޮލުގައި ހުދު ރުމާލެކެވެ. ދުވަސްވުމުގެ ސަބަބުން ކަނާތް ފަރާތަށް ކުޑަކޮށް ވަނީ ލެނބިފައެވެ. ޢުމުރުން 80 އަށްވުރެ މަތިވެދާނެއެވެ.

ތެދެކެވެ. އެ ޢުމުރުގައި އެ ބޭބެ އެ ހިތްވަރު ކުރާއިރު އަޅުގަނޑުމެން ޒުވާނުންނަށް އެ ހިތްވަރު ނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ “އަހަރެމެންނަށް ވެސް ވާނެއެވެ.”

އެ ޒުވާނާ އަނެއް ޒުވާނާއަށް އެ ބޭބެ ދެއްކުމުން އަޅުގަނޑުގެ ހިތަށް އެރީ މިހެންނެވެ

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply