ކޮހުންގެ ރާއްޖެއަށް އެހެން ސަހަރެއްގެ ވަރަށް ބޮޑު ސައުދާގަރެއް ވިޔަފާރިކަމު ދިޔައެވެ. އޭނާ ވިއްކަން ދިޔައީ ހަނޑުލެވެ. ކޮހުންގެ ރާއްޖޭގެ މީހުންނާ ބައްދަލުވެ މުއާމަލާތް ކޮށް އުޅެން ފެށުމުން ސައުދާގަރަށް ކޮހުންގެރާއްޖެ ވަރަށް ރަނގަޅަށް އެނގި ދަސްވެއްޖެއެވެ.
ސައުދާގަރު ވިއްކާ ހަނޑޫ މުޅި ސަހަރުގައި އިސްތިހާރުކޮށްފިއެވެ. ހަނޑޫ ނާޅިއެއް ވިއްކަން ކިޔާ އަގު އަގުހެޔޮކަމުން ދުރު ހިސާބުތަކުން ވެސް މީތަކުން ޖަމާވަމުން ދިޔައެވެ. ނާޅިން ހަނޑޫ މިނެގެން ވިއްކަމުން އައިސް ވަކި ވަރަކަށް ހަނޑޫ ބަސްދާ ތިރިވުމުން މިނަން ފެށީ ނާޅީގެ ފުލަށް ހަނޑޫ އަޅައިގެންނެވެ. މީހުން މިކަމާ ޝަކުވާ ކުރަން ފެށުމުން ސައުދާގަރު ކަލޭގެ ބުންޏެވެ. އެތެރެއަށް އެޅިއަސް ފުލަށް އެޅިއަސް ނާޅިވާނީ ނާޅިއަށެވެ.
ކޮހުންގެ ރާއްޖޭގެ މީހުން ހިތަށް އެރިއެވެ. އެއީވާ ތެދެކެވެ. ނާޅިވާނީ ނާޅިއަށެވެ. މިކަން ގަބޫލު ނުކުރެވުނު ތަންކޮޅެއް ބޯހަމަޖެހޭ މީހަކު މި މައްސަލަ ފަނޑިޔާރުގެއަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި މި ކަލޭގެއާއި ސައުދާގަރު ފަނޑިޔާރުގެއަށް ހާޒިރުކޮށްފިއެވެ. ފަނޑިޔާރުން ސައުދާގަރާ ސުވާލުކުރުމުން މިނަނީ ނާޅީގެ ފުލަށް އަޅައިގެން ކަމަށް ބުނެ އެއްބަސް ވެއްޖެއެވެ. އެއަށްފަހު ސައުދާގަރު ބުންޏެވެ. ނާޅިވާނީ ނާޅިއަށެވެ. ނާޅީގެ އެތެރެއަށް އަޅައިގެން މިނުނަސް އަދި ފުލަށް އަޅައިގެން މިނުނަސް މި މި ނަނީ ނާޅިންނެވެ. މި މިނަނީ ނާޅިން ނޫންކަމަށް ވާނެތޯއެވެ؟
ފަނޑިޔާރުން ޝަކުވާ ހުށަހެޅި މީހާއަށް ބުނެއްޕެވެ. މީގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ ކަލޭގެ ޝަކުވާއަކީ ތާކުންތާކު ޖެހޭ ޝަކުވާއެއް ނޫނެވެ. ނަމަވެސް މި ފަނޑިޔާރުންގެ ކުރިމައްޗަށް މި މައްސަލަ ހުށަހެޅުނީތީވެ އަދުލު އިންސާފު ގާއިމުކޮށް އަދުލުވެރި ނިޔާއެއް ކުރުމަކީ އަހުރެންގެ މައްޗަށް ވާޖިބެކެވެ. އެހެން ބުނެ ހުކުމު އިއްވަމުން ބުންޏެވެ. ދެންފަހެ، އެކަކު ތިޔަ ބޭނުންވަނީ ނާޅީގެ އެތެރެއަަށް އަޅައިގެން މިނާށެވެ. އަނެކަކު ތިޔަ ބޭނުންވަނީ ނާޅީގެ ފުލަށް އަޅައިގެން މިނާށެވެ. އަހުރެމެން ފަނޑިޔާރުން މި ނިންމީ އެ ދެގޮތުންކުރެ އެއްވެސް ގޮތަކަށް ނުމިނުމަށާއި ނާޅި ބިތަށް ބާއްވާފައި ނާޅިއަށް އަޅައިގެން މިނުމަށެވެ. މިގޮތަށް ހުކުމް އިއްވުމާއެކު މައްސަލަ ހުށަހެޅި މޮޔައިންގެ ރާއްޖޭގައި އުޅޭ އެންމެ ބުއްދި ހަމަޖެހޭ މީހާ ބުންޏެވެ. ފަނޑިޔާރުންގެ ހުކުމާއި ނިޔާ ވަރަށް ރަނގަޅެވެ. ތިޔަ ބޭފުޅުން ވަކި ފަރާތަކަށް ޖެހިވަޑައި ނުގެން ތިޔަ ކުރެއްވި ނިޔާފުޅު ލޮލުންބޮލުން ގަބޫލުކޮށްފީމެވެ. ސައުދާގަރު އިސް ޖަހާލައިގެން އިނެވެ. މިރާއްޖޭގައި ހިތުހުރި ގޮތަކަށް ނޫޅެވޭނެކަމާ މިހާރު ހުންނާނީ ސައުދާގަރަށް ވެސް އެއްޗެއް ވިސްނިފައިކަމަށް ބުނަމުން ހެމުންހެމުން އުފާކޮށް އަތްޖަހަމުން މައްސަލަ ހުށަހެޅި ކަލޭގެ ހިނގައްޖެއެވެ. (ނިމުނީ)
ނޯޓު: މި ވާހަކަ މި ލިޔުނީ އަޅުގަނޑުގެ ބައްޕަ ވިދާޅުވެ ދެއްވިގޮތަށް ކުދިކުދި ބަދަލުތަކާއެކު އަޅުގަނޑުގެ އަމިއްލަ ޢިބާރާތުންނެވެ. މި ނޫން ގޮތްގޮތަށް ވެސް މި ވާހަކަ ކިޔާ އުޅެއެވެ. މި ވާހަކައިގެ ފިކުރީ ޙައްޤުވެރިކަން ލިބިގެންވަނީ އަސްލު އުފެއްދުންތެރިޔާއަށެވެ. އެއީ ކޮން ބޭފުޅެއްކަމެއް ނޭނގެއެވެ.