ކޮމާންޑް ސާރޖަންޓް މޭޖަރ (ސީއެސްއެމް) ރޭންކަކީ އެމެރިކާގެ އެންލިސްޓެޑް ސިފައިންގެ ރޭންކުތަކުގެ ތެރެއިން 12 ވަނަ ރޭންކެވެ. ދިވެހި އަސްކަރިއްޔާގައި ނަމަ މިއީ 9 ވަނަ ރޭންކެވެ. މި ރޭންކަކީ ސާރޖަންޓް މޭޖަރ ރޭންކަށް ވުރެ މަތީގައި އޮންނަ ރޭންކެވެ. ސާރޖަންޓް މޭޖަރ އޮފް އެމްއެމްއެންޑީއެފް (ދިވެހި އަސްކަރިއްޔާގެ ސާރޖަންޓް މޭޖަރ) ގެ މަޤާމަށް އެޕޮއިންޓްކުރަނީ ކޮމާންޑް ސާރޖަންޓް މޭޖަރ ރޭންކުގެ ސިފައިންގެ ތެރެއިން ބޭފުޅެކެވެ.
އެމެރިކާގައި ކޮމާންޑް ސާރޖަންޓް މޭޖަރުންނަކީ ކޮމާންޑަރުގެ ސީނިއަރ އެންލިސްޓެޑް އެޑްވައިޒަރެވެ. އެމެރިކާގައި ކޮމާންޑް ސާރޖަންޓް މޭޖަރ މާނަކުރަނީ އެ ކޮމާންޑެއްގައި ހިމެނޭ ސިފައިންނާ ގުޅޭ ހުރިހާ މައްސަލަތަކެއްގައި ކޮމާންޑަރަށް ލަފާދޭ ސީނިއަރ ނޮންކޮމިޝަން އޮފިސަރގެ ގޮތުގައެވެ. ކޮމާންޑަރުން އޭނާގެ ކޮމާންޑް ސާރޖަންޓް މޭޖަރުން ބޭނުންކުރަނީ ކޮމާންޑަރުގެ ކޮމާންޑްގެ ނުފޫޒު ފުޅާކުރުމަށާއި، ލަޝްކަރުގައި މޯޓިވޭޝަން ނުވަތަ ހިތްވަރާއި ޖޯޝް ހުންނަ މިންވަރު ވަޒަންކުރުމަށާއި، ކްރިޓިކަލް ނުވަތަ މުހިންމު ދަނޑިވަޅުތަކުގައި އެހީތެރިކަން ހޯދުމަށެވެ. ކޮމާންޑަރާއި ސީއެސްއެމްއާ ދެ ބޭފުޅުން ދައްކައިދޭ ލީޑަރޝިޕުގެ މިސާލު ވެގެންދަނީ މުޅި މުއައްސަސާގައި އެއްބައިވަންތަކަން ދަމަހައްޓައިދޭ ވަރުގަދަ ނުފޫޒަކަށެވެ.
ޔޫއެސް އާމީގެ ކޮމިޔުނިކޭޝަންސް އިލެކްޓްރޯނިކްސް ކޮމާންޑުގެ ކޮމާންޑް ސާރޖަންޓް މޭޖަރ ކްރިސްޓީ ބްރޭޑީ ވަނީ އޭނާ އަދާކުރައްވާ ސީއެސްއެމްގެ ދައުރު ތަފުސީލުކޮށް ދެއްވާފައެވެ. މި ލިޔުމުގައި ސީއެސްއެމްގެ ދައުރާއި ޒިންމާތައް ހިމަނާފައި މިވަނީ އެކަމަނާގެ އަމިއްލަ ތަޖުރިބާގެ ތެރެއިން ލިޔުއްވާފައިވާ ލިޔުއްވުމެއް އަސްލަކަށް ބަލައިގެންނެވެ.
ކޮމާންޑް ސާރޖަންޓް މޭޖަރުންނަކީ މަޤާމުގެ ހައިސިއްޔަތުން ޕްރިވިލެޖުތަކާއި، އިމްތިޔާޒްތަކަކާއި، އިޚުތިޔާރުތަކެއް ލިބިގެންވާ ބައެކެވެ. މި ކަންކަން ބޭނުންކުރަނީ މުއައްސަސާގެ މައްސަލަތައް ހައްލުކުރުމުގައި ކޮމާންޑަރަށް އެހީތެރިވުމަށާއި، ވޯކްފޯސްއަށް ލަފާދިނުމާަށާއި، އެމީހުންގެ ވާހަކަ އަޑުއެހުމަށާއި، ސިފައިންގެ ގާބިލްކަން ތަރައްޤީކުރުމަށާއި، ވޯކްފޯސްއަށް އެހީތެރިވާ ވަސީލަތްތަކެއްގެ ގޮތުގައެވެ. މީގެ އިތުރުން، ކޮމާންޑަރުގެ ނިޔަތް ނުވަތަ އިންޓެންޓް ސާފުކޮށްދިނުމަށާއި، ކޮމާންޑަރު އިސްކަންދޭ ކަންކަމަށް ސިފައިން ތައްޔާރުކޮށް އެހީތެރިވުމަށާއި، ކޮމާންޑަރަށް ފީޑްބެކް ދިނުމަށެވެ.
ކޮމާންޑް ސާރޖަންޓް މޭޖަރުންނަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ ތަޖުރިބާކާރު ބައެކެވެ. އުސޫލުތަކާއި ނިޒާމުތަކަށް ފަރިތަ ބައެކެވެ. މި ތަޖުރިބާގެ ބޭނުން ހިފައިގެން ކޮމާންޑަރަށް އެއްބާރުލުންދީ، ލަފައާއި މަޝްވަރާ އަރުވާ އެހީތެރިވެދިނުމަކީ މުއައްސަސާއަށް ވަރަށް ބޮޑެތި ފައިދާތަކެއް ވާ ކަމެކެވެ. ކޮމާންޑް ސާރޖަންޓް މޭޖަރުންގެ ތަޖުރިބާ ހިއްސާކޮށްގެން މުއައްސަސާގެ ހަރަކާތްތަކާއި ޕްރޮގްރާމުތައް ކުރިއަށް ގެންދެވެއެވެ. އަދި ސީއެސްއެމްގެ އިސްނެގުމާއެކު ސްޓްރެޓެޖީތަކާއި، ޕްލޭންތައް ތަންފީޒުކުރެއެވެ. ސީއެސްއެމުން އުފައްދަނީ އެ އަސްކަރިއްޔާއަކުން އިސްކަންދޭ ކަންކަމުގައި ސިފައިންނާއި، އާލާތްތައް އެ ޔުނިޓެއްގެ މިޝަން ފުރިހަމަކުރުމަށް ތައްޔާރަށް ތިބި މިންވަރު ދެނެގަތުމަށާއި، ތައްޔާރަށް ބޭތިއްބުމަށެވެ. މިގޮތުން މައިގަނޑު ޒިންމާއަކީ، ޔުނިޓުގެ ކޮންމެ މެންބަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދެމެހެއްޓުމާއި، ތަޢުލީމާއި ތަމްރީނުގެ ތެރެއިން ތަރައްޤީކުރުމާއި، މިޝަން އަދާކުރުމަށް ތައްޔާރަށް ބޭތިއްބުމެވެ. އަސްކަރީ ޑޮކްޓްރިން އިން ފާހަގަވާ ގޮތުގައި ސީއެސްއެމަށް އިޚުތިޔާރާއި ނުފޫޒު ދެއްވައި ބާރުވެރި ކުރަނީ ކޮމާންޑަރެވެ.
އާބާދީ ބޮޑެތި އަސްކަރިއްޔާތަކުގައި ސީއެސްއެމުންގެ ދައުރާއި ރޯލުގެ މުހިންމުކަން އެންމެންނަށް ވެސް ވިސްނެއެވެ. ނަމަވެސް ބައިމަދު އަސްކަރިއްޔާ ތަކުގައި އޮންނަ ކުރީގެ ސަގާފަތުގެ ސަބަބުން މިކަން ވިސްނޭ މިންވަރު ދަށެވެ. މިފަދަ ތަންތަނުގައި ކުރިމަތިވާ ހުރަސްތައް ނައްތާލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ބަޔަކީ ކޮމާންޑް ސާރޖަންޓް މޭޖަރުންނެވެ. ކޮމާންޑް ސާރޖަންޓް މޭޖަރުން ވާންޖެހޭނީ ކޮމާންޑަރަށް އެހީތެރިވެދެވޭ، އެންމެންގެ އަޑުއަހާ މީހަކަށެވެ. ސިފައިންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށާއި، ކޮމާންޑަރު ބޭނުންވާ ފީޑްބެކް ގެންގޮސްދީ، ޔުނިޓު ބިނާކުރަން މަސައްކަތްކުރާ އެންމެ ވަރުގަދަ ހިއްސާދާރަށެވެ. ސިފައިންގެ އަސްކަރީ އަޚުލާޤު އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމަށް ނަމޫނާ ލީޑަރަކަށެވެ.
ކޮމާންޑް ސާރޖަންޓް މޭޖަރުގެ ސަބަބުން ކޮމާންޑަރަށް ލިބިގެން އެދަނީ އިތުރު ދެލޮލާއި ދެކަންފަތެވެ. ސީއެސްއެމް ޔުނިޓުގެ ތަންތަނަށް ޒިޔާރަތްކޮށް ކޮމާންޑް ކްލައިމެޓް ވަޒަންކުރެއެވެ. ކޮމާންޑަރުންނަށް ވުރެ ބޮޑަށް އަދި މާ އަވަހަށް ޔުނިޓުގެ ހާލަތު ސީއެސްއެމްއަށް ވަޒަންކުރެވި ކޮމާންޑަރުގެ ސަމާލުކަމަށް އެކަމެއް ގެނެސްދެއެވެ. އެންސީއޯ ސަޕޯޓް ޗެނަލަކީ މައުލޫމާތު ހޯދައި ލިބިގަތުމުގައި ސީއެސްއެމް ކޮންޓްރޯލްކުރާ ވަރަށް ހަލުއި އަދި އެހާމެ ފަސޭހަ މަގެކެވެ.
ޔުނިޓުގެ ތާރީޚާއި ސަޤާފަތް ދެމެހެއްޓުމާއި ޔުނިޓުގެ ފަޚުރާއި ޝަރަފު ނެގެހެއްޓުމުގައި ވެސް އިސް ފަރާތަކީ ސީއެސްއެމްއެވެ. ސިފައިންގެ މޮރާލާއި މޯޓިވޭޝަން ދަމަހައްޓައި، ސިފައިންގެ ކައުންސެލިންގ ނިޒާމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި، މެންޓަރޝިޕާއި، ޕާފޯމަންސް މަތިކޮށް ދެމެހެއްޓުމާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި ވެސް ސީއެސްއެމްގެ ދައުރު ވަރަށް ބޮޑެވެ.
މައުލޫމާތު: އާމީ.މިލް (ޔޫއެސް އާމީ ރަސްމީ ވެބްސައިޓް)