ޤައުމީ ދުވަހަކީ ގިނަ ޤައުމުތަކުގައި އެ ޤައުމެއް ނުވަތަ އެ ދައުލަތެއް އުފަންވި ދުވަހެވެ. އެހެން ބައެއްގެ އަތްދަށުން މިނިވަންވެގެން ޤައުމެއްގެ ހައިސިއްޔަތު ލިބި އެ ޤައުމެއްގެ ރައްޔިތުން ބޭނުންވާގޮތަށް ރައްޔިތުންގެ ވެރިކަމެއް ޤާއިމުވެ ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިޢުލާން ކުރާ ދުވަހެވެ. މިގޮތްގޮތުން ބަލާއިރު ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ތަފާތެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަހަކީ ފުށެތިކާލުން (ޕޯޗްގީޒުން)ގެ އިސްތިޢުމާރީ އަޅުވެތިކަމުން ދިވެހިރާއްޖެއާއި ދިވެހީން މިނިވަންވެގެން ދިޔަ ތާރީޚީ ދުވަހެވެ. އެއީ ހިޖުރައިން 1 ރަބީޢުލްއައްވަލު 981 އެވެ. މީލާދީން 2 ޖުލައި 1573 އެވެ. އެ ދުވަހަކީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) ދިވެހިރާއްޖެ މިނިވަންކޮށް ދެއްވައި، އަލުން ޤައުމިއްޔަތެއްގެ ބިންގާ އަޅުއްވައިދެއްވައި، ޤައުމު ބިނާކޮށްދެއްވައި އާރާސްތުކޮށްދެއްވަން ފެށްޓެވި ދުވަސް ވެސް މެއެވެ. 15 އަހަރާއި 6 މަސް ދުވަހުގެ އަޅުވެތިކަމަށްފަހު ދިވެހިރާއްޖެ މިނިވަންކޮށްދެއްވިއިރު ދިވެހި ޤައުމިއްޔަތު އޮތީ ވެއްޔާމޮޑެވިފައެވެ. ހަހެއްފަހެއްނެތި ވީދި ކުދިކުދިވެފައެވެ.
އުތީމު މަހާރަދުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށްފަހު އިސްލާމީ ތަޢުލީމު މި ޤައުމުގައު ފެތުރުއްވެވިއެވެ. މިސްކިތްތައް ބިނާކޮށްދެއްވިއެވެ. އިސްލާމީ ޢަޤީދާ ފިޔަވައި އެހެނިހެން ޢަޤީދާތަކުން ދިވެހީން ސަލާމަތްކޮށް ޙައްޤުގެ މަގަށް ގެންނެސްދެވިއެވެ. އިސްލާމީ ޝަރީޢަތް ހިންގަވަން ފެށްޓެވިއެވެ. ދިވެހީންގެ ދީނާއި ވަޠަނުގެ ދިފާޢުގައި ހަނގުރާމަކުރާނެ ދިފާޢީ ލަޝްކަރެއް އެކުލަވާލެއްވިއެވެ. ހަނގުބޭކަލުންގެ ނަމުގައި އުފެއްދެވި އެ ލަޝްކަރަށް ބަނޑުހަނޑުލުން މުސާރަ ދެއްވިއެވެ. އެ ލަޝްކަރާއެކު ދުޝްމަނުންނާ ފަހުން ވެސް ޮކުރިމަތިލައްވައި ދީނާއި ޤައުމު ސަލާމަތް ކުރައްވައި ނަޞްރު ހޯއްދެވިއެވެ. އިސްތިންވަރާއި ފަސްތިންވަރާއި އައްތާރަފަނިންގެ ގޮތުގައި ދިވެހީން ލަޝްކަރު ތަރުތީބުކުރެއްވިއެވެ. ދިވެހި ބަސް ރައްކާތެރިކޮށްދެއްވުމުގެ ގޮތުން ދިވެހިތާނަ އަކުރު ތަޢާރަފުކުރެއްވިއެވެ. ޒަމާނުއްސުރެ ދިވެހީން ފައިސާގެ ގޮތުގައި ބޭނުންކުރި ބޮލީގެ ބަދަލުގައި ދިގު ލާރި ޖައްސަވައި ފުރަތަމަ ފަހަރަށް ލީގަލް ޓެންޑަރެއް ތަޢާރަފުކުރެއްވިއެވެ. އިސްލާމީ ދިވެހި ދައުލަތުގެ ނިޝާނެއްގެ ގޮތުގައި ފަތްކޮޅުތަކުގައި “ހުވަލްޣަނީ” ޖައްސަވަން ފެށްޓެވިއެވެ. ދިވެހި މިނިވަން އިޤްތިޞާދެއް ބިނާކުރެއްވިއެވެ. ބޭރުގެ ފަރާތްތަކާ ފުޅާދާއިރާއެއްގައި ވިޔަފާރިކުރެއްވިއެވެ. އަލުން ދިވެހި ދައުލަތް އުފައްދަވައި ދިވެހި ދައުލަތަށް ފުރަތަމަ ފަހަރަށް ނަން ދެއްވީ ވެސް އުތީމު މުޙައްމަދު ތަކުރުފާނެވެ.
މިކަންކަމުން އެނގެނީ ބޮޑުތަކުރުފަނަކީ ހަމައެކަނި ޕޯޗްގީޒުންގެ އަނިޔާވެރިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ބަޠަލެއް ނޫންކަމެވެ. އެއީ ދިވެހި ޤައުމުގައި ދިވެހި ޤައުމިއްޔަތުގެ ބިންގާ އަޅުއްވައިދެއްވި ޤައުމީ ބަޠަލުކަން ވެސް މެއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ މި ސަބަބުތަކާހުރެއެވެ. އަދި ޤައުމީ ދުވަހުގެ ބަޠަލެއްގެ ގޮތުގައި ބޮޑުތަކުރުފާނުގެ ނަންފުޅު ދިވެހީން ބަލައިގެންފައިވަނީ އެއީ މި ޤައުމު މިއަދު ދެކޭ ޤައުމިއްޔަތުގެ ބިންގާ އަޅުއްވައި ދެއްވި ލީޑަރުކަމުގައި ވާތީއެވެ.