މަޝްހޫރު މުސްލިމް ބައެއް ޢިލްމުވެރިން

އަޅުގަނޑުމެން ދުނިޔޭގެ ތާރީޚު ބަލަނީ ހުޅަނގުގެ ލެންސްތަކުންނެވެ. ދުނިޔޭގެ ތާރީޚު ދިރާސާކުރަނީ އެ މީހުންގެ ފަތްފުށްތަކުންނެވެ. އެ މީހުން ވަނީ ތާރީޚުގައި ސައިންސާއި ޢިލްމުގައި މުސްލިމުންގެ ސޫރައާއި ޙިއްޞާ ފަނޑުކޮށްފައެވެ. ހަގީގީ މަސްދަރު އޮޅުވާލައިފައެވެ. ޙައްޤުވެރި ފަރާތަށް ކްރެޑިޓް ދޭން ފަސްޖެހިފައެވެ.

ނިއުޓަންއަށް ގްރެވިޓީގެ ވާހަކަ ކިޔައިދިނީ، ހަގީގަތުގައި ގަހަކުން ވެއްޓުނު އާފަލެއް ނޫނެވެ. އެކަމަކު މުސްލިމް ޢިލްމުވެރިއެއް ކަމަށްވާ އިބްނުލް ހައިތަމްގެ ފޮތްތަކުންނެވެ. މިފަދަ ހަގީގަތްތަކުން ހުޅަނގުގެ ދައުވާ ފަލީހަތްވެއެވެ. ހުޅަނގަށް ޢިލުމީ ގޮތުން ލިބުނު މުއްސަނދި ކަމަކީ އިސްލާމީ ޢިލްމުވެރިންގެ ދިރާސާތަކާއި އެ ބޭފުޅުންގެ ފޮތްތަކެވެ.

ދުނިޔެ ޢިލްމީރޮނގުން ކުރިއަރައި މި ޒަމާނުގައި މި ދެކޭ ތަހުޒީބަށް މަގުތައް ކޮށްޓަވައި ދެއްވި އިސްލާމީ ޢިލްމުވެރިންގެ ތެރޭގައި ތާރީޚާއި ސައިންސާއި، ބޭސްވެރިކަމާއި، ސާޖަރީއާއި، ފިޒިކްސްއާއި، ކެމިސްޓްރީއާއި، ފަލްސަފާއާއި، ފަލަކީ ޢިލްމާއި، ޖިއޮމެޓްރީ ނޫނަސް ތަފާތު ގިނަ ދާއިރާތަކުން ދުނިޔޭގައި ބިންގާ އަޅުއްވައި ދެއްވި އިސްލާމީ ޢިލްމުވެރިން ހިމެނެއެވެ. ތިރީގައި މިވަނީ އޭގެތެރެއިން މަޝްހޫރު ބައެއް ޢިލްމުރިންނެވެ.

ސާޖަރީ: އަލް ޒަހުރާވީ (936-1013)

ޑޮކްޓަރ އަލް ޒަހުރާވީ ޝާއިއުކުރެއްވި ސާޖަރީއާ ބެހޭ 1،500 ޞަފްޙާގެ ސައިކްލޮޕީޑިއާއެއް ފާއިތުވި 500 އަހަރު ދުވަހުގެ ތެރޭގައި ޔޫރަޕްގައި މެޑިކަލް ރެފަރެންސެއްގެ ގޮތުގައި ބޭނުންކުރިއެވެ. އެއީ ތަސްވީރު ހިމަނައިގެން ޝާއިޢުކޮށްފައިވާ އިންސައިކޮލޮޕީޑިއާއެކެވެ.

މި ޒަމާނުގެ ގޮތަށް އެންމެ ފުރަތަމަ ހަށިގަނޑުގެ ތަންތަން ކަފައިގެން ސާޖަރީ ހެއްދެވީ ޒަހުރާވީއެވެ.

އުދުހުން: ޢައްބާސް ބިން ފިރްނާސް (810-887)

ރައިޓް ބްރަދާސްގެ ހާސް އަހަރު ކުރިން އައްބާސް ބިން ފިރްނާސް ވަނީ އުދުހޭނެ މެޝިނެއް އުފެއްދުމަށް އެތައް މަސައްކަތެއް ކޮށްފައެވެ. 9 ވަނަ ގަރުނުގައި އޭނާ ފަރުމާކުރެއްވީ ފިޔަ ޖަހާފައިވާ އާލާތެކެވެ. މިއީ ގާތްގަނޑަކަށް ދޫންޏަކާ އެއް ވައްތަރު އެއްޗެކެވެ. ސްޕެއިންގެ ކޯޑޯބާ ކައިރީގައި ކުރި ޓެސްޓެއްގައި ފިރްނާސް މަދު ވަގުތުކޮޅަކަށް މައްޗަށް އުދުހިގެންދިޔައެވެ. އެފަހަރު ބިންމައްޗަށް ވެއްޓި އަނިޔާ ވިއެވެ.

ޕިން ހޯލް ކެމެރާ: އިބްނު އަލްހައިތަމް (965-1040)

ޤަދީމީ ޔޫނާނީން ހީކުރީ ލޮލަށް ފެންނަބީ ލޮލުން އަލި ދޫކުރާތީ ކަމަށެވެ. ނަމަވެސް އިންސާނުންނަށް ތަކެތި ފެންނަނީ އެތަކެތިން އަލި ރިފްލެކްޓްވެ ލޮލަށް ވަދެގެންކަން ސާބިތުކޮށްދެއްވައި، ލޮލުން އަލި ދޫކުރާ ކަމަށް ޔޫކްލިޑް އާއި ޓޮލެމީގެ ނަޒަރިއްޔާތައް ބާތިލްކޮށްދެއްވީ އިބްނު އަލްހައިތަމް އެވެ.

ޔުނިވަރސިޓީ އުފެއްދުން: ފާޠިމަތު އަލް ފިޙްރީ (800-880)

މޮރޮކޯގެ ޒުވާން ޕްރިންސެސް ފާތިމަތު އަލް ފިހްރީ ވަނީ ފުރަތަމަ ޑިގްރީއަށް ކިޔަވައިދެވޭ ޔުނިވަރސިޓީއެއް އުފައްދާފައެވެ. އޭނާގެ ކޮއްކޮ މަރިޔަމް މިސްކިތެއް އަޅައި އެ ކޮމްޕްލެކްސް ފުޅާކުރިއެވެ. އެއީ ފަހުން އަލްގަރަވިއްޔިން މިސްކިތާއި ޔުނިވަރސިޓީ އެވެ.

ގާތްގަނޑަކަށް 1،200 އަހަރު ފަހުން އަދިވެސް ހިންގަމުން އަންނަ މި މަރުކަޒުން ހަނދާންކޮށްދެނީ އިސްލާމީ ސަގާފަތުގެ މައިގަނޑު އެއްޗަކީ އުނގެނުންކަމެވެ.

އަލްޖިބްރާ: މޫސާ އަލް ޚުވާރިޒްމީ (780-850)

މިހާރު ސްކޫލުގައި އަޅުގަނޑުމެންނަށް ވޭންދެނިވި ޒަމާނީ އަލްޖީބްރާ އައީ މޫސާ އަލް ޚުވާރިޒްމީގެ 9 ވަނަ ގަރުނުގެ “ބުކް އޮފް ރީޒަނިންގ އެންޑް ބެލެންސިންގ” އިންނެވެ.

ޔޫނާނީ އަދި ހިންދޫ ނިޒާމުތަކުގެ އަސްލުގެ މައްޗަށް ބިނާކޮށްފައިވާ އާ އަލްޖީބްރޭކް ތަރުތީބަކީ ރޭޝަނަލް ނަންބަރުތަކާއި، އިރަޝަނަލް ނަންބަރުތަކާއި، ޖިއޮމެޓްރިކަލް މެގްނިޓިއުޑްތައް އެއްބައިވަންތަކުރާ ނިޒާމެކެވެ. އަދި ބާރަކަށް ނަންބަރެއް އުފުލުމުގެ ތަޞައްވުރުވެސް މޫސަ ޤާއިމުކުރެއްވިއެވެ.

ވިންޑްމިލް: ޕީރޫޒް ނަހަވަންދީ (600-644)

ހޫނު މޫސުމުގެ މަސްތަކުގައި ޢަރަބި ފަޅުތައް ހިކިގެން ދާނެތީ ޕީރޫޒް ނަހާވަންދީ ފުރަތަމަ ވިންޑްމިލް ހެދިއިރު، އެ ވިންޑްމިލް އިން ޓޭޕް ކޮށްފައިވަނީ ފަޅުތެރެއަށް ލިބޭނެ ހަމައެކަނި ހަކަތަގެ މަޞްދަރެވެ.

މިއަދު ވެސް ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ވިންޑްމިލްތައްހުރީ އިރާނުގެ ނަޝްތިފާނުގައެވެ. ހުޅަނގަކު ނޫނެވެ.

ޒަމާނީ ކެމިސްޓްރީ: ޖާބިރު ބިން ޙަޔާން (721-813)

އަލްކެމީ ކެމިސްޓްރީއަށް ބަދަލުކުރެއްވީ އިސްލާމްދީނުގެ އެންމެ އިސް ސައިންސްވެރިޔާ ޖާބިރު ބިން ޙަޔާން އެވެ. އޭނާ އީޖާދުކުރެއްވީ މިއަދުވެސް ބޭނުންކުރަމުންދާ ޑިސްޓިލޭޝަން، އިވެޕޯރޭޝަން، ކްރިސްޓަލައިޒޭޝަން، ޕިއުރިފިކޭޝަން، ފިލްޓްރޭޝަން، އަދި އޮކްސިޑައިޒޭޝަން ފަދަ އަސާސީ ގިނަ އުސޫލުތަކާއި ސާމާނުތަކެކެވެ.

އަދި ސަލްފިއުރިކް އަދި ނައިޓްރިކް އެސިޑް ހޯދުމުގެ އިތުރުން އެލެމްބިކް ސްޓިލް އީޖާދު ކުރެއްވިއެވެ.

ކްރެންކްޝަފްޓް: އަލް ޖަޒާރީ (1136-1206)

މުސްލިމް އިންޖިނިއަރު އަލް ޖަޒާރީ އުފެއްދެވީ އޮޓޯމޮބައިލް އިންޖީނުގެ މައިގަނޑު އީޖާދު ކަމަށްވާ ކްރޭންކްޝާފުޓްގެ މުހިންމު އީޖާދެވެ.

އޭނާގެ ބުކް އޮފް ނޮލެޖް އޮފް އިންޖިނިއަސް މެކޭނިކަލް ޑިވައިސްސް ގައި ވަލްވްސް އާއި ޕިސްޓަންސް އާއި މެކޭނިކަލް ގަޑިތަކާއި ފުރަތަމަ ފަހަރަށް ކޮމްބިނޭޝަން ލޮކް އަށް އޭނާ އީޖާދީ ގޮތެއްގައި ބޭނުންކުރި ގޮތްތައް ލިޔެވިފައިވެ އެވެ.

ހޮސްޕިޓަލްތައް ތަޢާރަފުކުރުން: އަޙްމަދު ބިން ޠޫލޫން ހޮސްޕިޓަލް (އުފެއްދީ 872)

ފުރަތަމަ މެޑިކަލް ސެންޓަރަކީ 872 ވަނަ އަހަރު ޤާހިރާގައި އުފެއްދި އަޙްމަދު ބިން ތުލޫން ހޮސްޕިޓަލެވެ.

ޓޫލޫން ހޮސްޕިޓަލުން ކޮންމެ މީހަކަށް ވެސް ހިލޭ ފަރުވާ ދިނެވެ. ބަލި މީހުންނަށް އަޅާލުމަކީ އިސްލާމީ ސަގާފަތުގެ ބައެކެވެ. އެ ފެސިލިޓީން ވަނީ ނަފްސާނީ ބަލިތަކުގެ އިތުރުން އާންމު ބަލިތަކަށް ވެސް ފަރުވާ ދީފަ އެވެ.

މަސްދަރު: ކްލެރިފައިއިން ލައިޓް.

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply