އިރު އޭގެ ދޯދިތަކާއެކު ނިވައިވެއްޖެއެވެ. އެކަމަކު ހަނދު ފެންނާކަށް ނެތެވެ.
ހީވަނީ މާތަކާއި ގަސްތައް ވަކިވެދާނެހެންނެވެ. ފެންނަނީ އަނދިރިކަމެވެ. ކަޅުވިލާތަކުގެ ރުޅިވެރިކަމެވެ.
ރުކުގެ ފަންތައް ވަރުބަލިވެއްޖެއެވެ.
ގަސްތަކުގެ ތެރެއިން ރިހިކުލައިގެ އަލި ދޯއްޖެއް ފެންނާނެނަމައެވެ. ރަންކުލައިން ކަނޑު ވިދާބަބުޅާނެ ނަމައެވެ. ހޭޅިތަކުން ރީތި މިއުޒިކެއް އިވޭނެ ނަމައެވެ. ގޮނޑުދޮށްތަކުން ހިތްގައިމު ލަވައެއް ކިޔާނެނަމައެވެ.
ދޫނިތައް ކޮބައިހެއްޔެވެ؟
ރާޅުތަކުގައިވަނީ ރުޅިވެރިކަމެވެ. ލޯތްބެއް އޯގާތެރިކަމެއް ތުޑިތަކަކަށް ނެތެވެ.
ވައިރޯޅީގައި ވަނީ ނުރުހުމެވެ. ފަތްތައް ގަހާއި ވަކިކޮށް އުދުއްސަނީއެވެ.
ވާރޭ ތިކިތަކުގައި ވަނީ ތޫނުކަމެވެ. ދެ ލޯ ހުޅުވާލާކަށް ނުކެރެއެވެ.
މީ ޖުންޖުލާގެ އަސަރާއި ވޭނެވެ.
މޫސުމީ ކަރުނައެވެ.
މިކަން ނޭނގެނީ އަހަރެންނަށެވެ. ދަތުރަށް އަރަނީ އަހަރެންނެވެ. ކަންކަން ރާވަނީ އަހަރެންނެވެ.