އަސްކަރީ ފަހުލަވާނެވެ.
ސާބިތުވެ ހުންނާށެވެ.
ޚިދުމަތުގައި ފަސް ނުޖެހެއްޗެވެ.
ތިޔަ ޚިދުމަތެއް މާއްދިއްޔަތުގެ ލޮލަކަށް ނުފެންނާއެވެ.
ޤައުމިއްޔަތަށް ނޫނީ ތަސައްވުރެއް ނުކުރެވޭނެއެވެ.
ޤައުމީ ލޯތްބަށް ނޫނީ ފަހުމެއް ނުވާނެއެވެ.
އެކަމަކު އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ.
އަސްކަރީ ފަހުލަވާނެވެ.
މިނިވަންކަމުގެ ޙަޤީޤީ މާނައަކީ ލެއާއި ފުރާނައެވެ.
ކާމިޔާބީއަށް ހަނގުރާމަކޮށްފައިވާ މީހުންނެވެ.
ޝަހީދުންނާއި ޤައުމީ ބަޠަލުންނެވެ.
އިއްޔެ އެމީހުންނެވެ. މިއަދު ތިބާއެވެ.
އެކަން ޒަމާން ހަނދާން ނައްތާލަފާނެއެވެ.
އެކަމަކު އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ.
އަސްކަރީ ފަހުލަވާނެވެ.
ޤައުމީ ޚިދުމަތުގެ ކުރިބޯއްޓަކީ ކޮބައިހެއްޔެވެ؟
ޤައުމީ ޚިދުމަތުގެ ނާރެހަކީ ކޮބައިހެއްޔެވެ؟
ޤައުމާއި ރައްޔިތުންގެ ސިލްމާއި ސަލާމަތަކީ ކޮބައިހެއްޔެވެ؟
މި ޤައުމުދެކެ އެންމެ ލޯބިވަނީ ކާކުކަން ދަންނަން ހެއްޔެވެ؟
އެއީ ތިބާއެވެ.
ތިބާ ނޫނީ ޤައުމަށްޓަކައި ފުރާނަ ދޭން އެއްބަސްވީ މީހަކު ނެތެވެ.
އެ ހިތްވަރެއް، އެ އަޒުމެއް، އެ ރޫޙެއް، ތިބަށް ނޫނީ ދައްކައި ދެވިފައެއް ނުވެއެވެ.
އެކަން އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ.
އަސްކަރީ ފަހުލަވާނެވެ.
ޤައުމީ ރޫޙު ދިރުވާ އާލާކުރާށެވެ.
ދީނީ އަޤީދާ ހަރުދަނާކުރާށެވެ.
ތިޔަ ޚިދުމަތަށް ފަޚުރުވެރިވާށެވެ.
ޙައްޤުގެ މަގުގައި ހަނގުރާމަ ކުރާށެވެ.
ޤައުމު ދިފާޢުކުރާށެވެ.
ތިބާ ނެތްނަމަ ޤައުމީ ދިދައަށް މިނިވަންކަމުގެ ވައެއް ނުޖެހޭނެއެވެ.
ދައުލަތުގެ ކީރިތިކަމެއް ނޯތީހެވެ.
ރައްޔިތުންގެ މޫރިތިކަމެއް ނޯތީހެވެ.
އެކަމަކު އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ.
ފިސާރި ތެދެކެވެ. އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ.