ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން އެ ތަނެއްގެ އަސްލު ޙަޤީޤަތް ނޭނގޭ އެއް ތަނަކީ ލަންދޫ މާބުދުގެއާއި އެ މާބުދުގެ ހުރި އާސާރީ ސަރަޙައްދެވެ. އެތަން ދިރާސާކުރި ފަރާތްތަކުން ލަފާކޮށްފައިވާ ގޮތުގައި އެއީ ބުޑިސްޓް އެކުވެންޏެކެވެ. ފޯކުލޯރުތަކުންނާއި ދިރާސާވެރިންގެ ހޯދުންތަކާއި އެ ސަރަޙައްދުން ފެނިފައިވާ ޤަދީމީ އާސާރީ ތަކެތިން އެ ތަނުގެ ދޮށިކަން ތަސައްވުރު ކުރެވެއެވެ. ފޯކުލޯރުގައި ކިޔާ ވާހަކަގުޅެނީ ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވި ކަމަށް ފޯކުލޯރުގައި ކިޔާއުޅޭ އެއް ބައެއް ކަމަށްވާ ރެދިންނާއެވެ. އާކިއޮލޮޖިސްޓުންނާއި ތާރީޚީ ޢިލްމުވެރިންގެ ދިރާސާތަކުން ކަށަވަރުކަން ދެނީ އެއީ ދިވެހިރާއްޖޭގައި އެންމެ ކުރިން އޮތް ބުދުދީނުގެ ވަރަށް ބޮޑު އެކުވެންޏެއް ކަމަށެވެ. އެ ސަރަޙައްދަކީ ދިވެހިރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ދުވަސްވީ ލިޔުން ލިޔެފައިއޮތް ގާ ފެނުނު ތާރީޚީ އަދި އާސާރީ ސަރަޙައްދެވެ.
މާބުދުގެއާއި އެ ސަރަޙައްދަށް ކިޔާނަންތައް
ލަންދޫ މާބުދުގެއަށް ކުރިއްސުރެ ކިޔަމުން އައީ “މާބަދިގެ”އެވެ. މާބަދިގެ ކިޔަނީ ގަލާއިވެލިން އުސްކޮށް ހުރި އެ ބޮޑު ވެލިފުންޏަށް ނުވަތަ އިސްތޫޕާއަށެވެ. އެ ސަރަޙައްދަށް ލަންދޫ މީހުން ކިޔައި އުޅުނީ “ހައިކަ” އެވެ. ބައެއް މީހުން “ހަތްކަ” ވެސް ކިޔައެވެ. މި ނަންތައް އެތަނަށް ކިޔެމުން އައީ ސަބަބެއް އޮވެގެންކަން ގަބޫލުކުރަން ޖެހެއެވެ.
މާބަދިގޭގެ ނަމުން މަޝްހޫރުވެފައިވާ މި އިސްތޫޕާއަށް “މާބުދުގެ” މި ނަން ހަރުވެފައިވަނީ 1987 ވަނަ އަހަރު “އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާ” އިން ރާއްޖެ ފޮނުއްވި ޓީމަކުން ކުރި ދިރާސާއަށްފަހުގައެވެ. މާބުދުގެއަކީ ބުޑިސްޓު ދީނުގެ އެކުވެންޏެއް (ވޭރެއް) ކަމަށާއި އެ ސަރަޙައްދުގައި ބުދުކޯލާއެކު އިތުރު ފަސްތަން ހުރިކަން އެނގުމާއެކުގައެވެ. ލަންދޫ މީހުން އަންޒަމާނުއްސުރެ އެ ސަރަޙައްދަށް “ހައިކަ” ކިޔަމުން އައީ އެ ސަރަޙައްދުގައި ހުރި ހަ ބިނާއަށް ނިސްބަތްކޮށްކަމަށް ލަފާކުރެވެއެވެ. އެތަނަށް މާބަދިގެ ކިޔަމުން އައީ އެތަނާ ބެހޭ ގޮތުން ކިޔަމުން އަންނަ ފޯކުލޯރެއްގައި އެއީ “ރެދިން”ގެ ބޮޑު ބަދިގެއެއް ކަމަށް ކިޔަމުން އަންނާތީ ކަމަށް ގަބޫލުކުރެވެއެވެ. މާބަދިގެ ނުވަތަ ބޮޑު ބަދިގޭގެ ނަމުން މާބުދުގެ ނުވަތަ ބޮޑު ބޮދުކޯލު ނުވަތަ ބޮޑު ބުދުގޭގެ ނަމަށް، ނަން މިވަނީ ފުރޮޅިފައެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން އޭރު ލަންދޫ މާބުދުގޭގެ ސަރަޙައްދުގައި މިންއަޅައި ބެލިއިރު އެތަނުގެ އުސްމިނުގައި ހުރީ 28 ފޫޓު ކަމަށާއި ބޮޑު މިނަކީ 292 ފޫޓުކަމަށް ރިކޯޑުކުރައްވާފައިވެއެވެ. އެތަނާ ބެހޭ ގޮތުން ދިރާސާކުރެއްވި ބޭފުޅުންގެ ވާހަކަފުޅުތަކުންނާއި ލަންދޫގެ ދުވަސްވީ މީހުންގެ ހަނދާތަކުން އެނގުނުގޮތުގައި ކުރިއަށްވުރެ އެތައް ތަނެއް މިހާރު ވަނީ މާބުދުގެ ކިޔާ އެ އުސްގަނޑު ތިރިވެފައެވެ. އަދި އެ އުސްގަނޑާއި ކައިރި ހިސާބުތަކުގައި ކުރިން ހުރި ކުދި އުސްގަނޑުތައް ވަނީ ނެތިގޮސްފައެވެ.
މާބުދުގެއާބެހޭ ފޯކުލޯރު
ލަންދޫ މާބުދުގެއަށް މާބަދިގެ ކިޔަމުން އައިއިރު ކިޔާއުޅޭ ފޯކުލޯރެއް އޮވެއެވެ. ބުނެވޭ ގޮތުގައި ލަންދޫގައި ހުންނަ މާބަދިގެއަކީ ދިވެހިރާއްޖޭގައި އެންމެ ކުރިން ވަޒަންވެރިވެގެން އުޅުނުކަމަށް ބުނާ “ރެދިން”ގެ ކާބޯތަކެތި ތައްޔާރުކުރާ ބޮޑު ބަދިގެއެކެވެ. އެތަނުގައި ރެދިން ކައްކައިގެން ހައްދުންމަތީ ގަމު ހަތްތެއްޔަށް ކައި މަޖާކުރަން ދާކަމަށްވެއެވެ. ގަމު ހަތްތެއްޔަށް ދަނީ މާޅޮސްމަޑުލު ލުނބޯ ކަންދޫން ލުނބޯ ބިނދެގެން ކަމަށް ކިޔައެވެ. ގަމު ހަތްތެލީގައި ބެރުޖަހައި، ލަވަކިޔައި، ނަށައި މަޖާކުރުމުގައި މުޅި ރޭ ހޭދަކުރެއެވެ. ކޮންމެ ރެއަކު ފަޖުރުލުމުގެ ކުރިން ރެދީން އެނބުރި އެބަޔަކު އުޅޭ ރަށަކަށް ދާކަމަށް ބުނެވެއެވެ. އެގޮތަށް އެތައް ޒަމާނެއް ފާއިތުވެ ދިޔަފަހުން އެއްރެއަކު ކުޅިވަރާއި މަޖަލުގެ ތެރޭގައި ތިއްބާ ފަޖުރުލީއެވެ. ފަޖުރުލުމާއެކު ހުރިހާ ރެދިން ގާވީއެވެ. އެހިސާބުން ރެދިންގެ ދަރިކޮޅު ރާއްޖެއިން ނެތުނީއެވެ. ރެދީން ގާވެފައި ތިބިތަނުގައި އެކި ސިފަސިފައިގައިހުރި ގިނަ އަދަދެއްގެ ހިރިގަލުގެ ބުދުތައް ހުރިކަމަށް ވެއެވެ.
ދިވެހި ބަސްފޮތުގައި ބުނާގޮތުން ރެދީންނަކީ “ޚިޔާލީ ޖިންނީން” އެވެ. ދިވެހި މިސާލު ބަހެއްގައި “ރެދިންގެ ކަންތައް” އޮވެއެވެ. އެއީ ހައިރާންވާހާ އަވަހަށް ކަމެއްކޮށް ނިންމީމާ ބުނެއުޅޭ މިސާލުބަހެކެވެ.
ކުރެވިފައިވާ ދިރާސާތައް
ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ހުރި ގަދީމީ އާސާރީ ސަރަޙައްދުތަކުގެ ތެރެއިން ސައިންޓިފިކް ދިރާސާއެއް ކުރެވިފައިވާ ހަމައެކަނި ތަނަކީ ކާށިދޫ ކުރުހިންނަ ތަރާގަނޑެވެ. އެހެންކަމުން ނ. ލަންދޫގައި ހުރި މާބުދުގެ ސަރަޙައްދަކީ މިހާތަނަށް ސައިންޓިފިކް ދިރާސާއެއް ކުރެވިފައިވާ ތަނެއް ނޫނެވެ. އެހެން ނަމަވެސް ލަންދޫ މާބުދުގެއާ ބެހޭ ގޮތުން ތާރީޚަށް ލޯބިކުރައްވާ ބޭފުޅުންނާއި އާކިއޮލޮޖިސްޓުން އެކިއެކި ބޭނުންތަކަށް ބަލައި ހޯދައި މަޢުލޫމާތު އެއްކޮށްގެންނާއި ކޮނެ ބަލައިގެން ތަފާތު ދިރާސާތައް ހަދާފައިވެއެވެ.
މީލާދީން 1899 ވަނަ އަހަރު ރާއްޖެ ވަޑައިގެންނެވި ޕްރޮފެސަރ ޖޯން ސްޓޭންލީ ގާޑިނަރ ރާއްޖެ ވަޑައިގެން ލަންދޫއަށް ޒިޔާރަތްކުރެއްވިއެވެ. ދިވެހީންގެ އަސްލު ހޯއްދެވުމުގެ ގޮތުން ކުރެއްވި ދިރާސާއެއްގައި ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ދިވެހީންގެ އިސްކޮޅާއި، ބޮލާއި، ހަށިގަނޑުގެ ސައިންޓިފިކް މިންތަކެއް ނެންގެވިއެވެ. މި ދަތުރުގައި ލަންދޫއަށް ވަޑައިގެން ލަންދޫގައި މާބުދުގެ ސަރަޙައްދު ބައްލަވާލެވިއެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި އެތަނުން ފެން ވަޅެއް ފެނިވަޑައިގަތެވެ. އެއީ ހަތަރެސްކަނަށް ކަނޑާފައިވާ ގަލުން ރާނާފައިވާ ވަޅެއް ކަމަށާއި ވަޅުގެ މަތީގައި ފަތާކޮށް އޮތް ބޮޑު ދެގާ ބާއްވާފައިވާ ކަމަށް ލިޔުއްވާފައިވެއެވެ. ލަންދޫގެ މީހުންނާ ހަވާލާދީ ގާޑިނަރ ލިޔުއްވާފައިވާ ގޮތުގައި 1848 ވަނަ އަހަރު އެ ވަޅުގެ ތެރެއިން ރަނާއި ރަންވަންލޮއިން ހަދާފައިވާ ޑިސްކުތަކެއް (ބޮޑެތި ވަށް ފޮތިތަކެއް) ފެނުނެވެ. އެތަކެތި އެ ދުވަސްވަރު ވިރުވާލައި ނުވަތަ ހަލާކުކޮށްލާފައިވުމުން އެ ފޮތިތަކެއް ގާޑިނަރއަކަށް ވެސް ފެނިވަޑައެއް ނުގެންނެވިއެވެ.
އޭގެފަހުން ލަންދޫ މާބުދުގެ ދިރާސާކުރީ 1987 ވަނަ އަހަރުގެ މޭ 18 ވަނަ ދުވަހު ލަންދޫއަށް ދިޔަ “އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާ”ގެ ޓީމަކުންނެވެ. އެފަހަރު މާބުދުގޭގެ އުސްގަނޑުން ވަރަށް ބޮޑުބައެއް ކޮނެގެން ސާވޭކޮށް ބެލިއިރު އެތަނަކީ ބުޑިސްޓު ދީނުގެ އެކުވެންޏެއް (ވޭރެއް) ކަން އެނގުނެވެ. އެތަނުން ފެނުނު ޢިމާރާތުގެ ބައިތަކަށް ބަލައި އެއީ ކުރީ ޒަމާނުގައި ބުދު ދީނުގެ މީހުން އަޅުކަންކުރުމަށާއި ދީނީ ބޭނުންތަކުގައި ބޭނުންކުރި ޢިމާރާތްތަކެއް ހިމެނޭހެން ބިނާކޮށްފައިވާ ތަނެއްކަން އެނގުނެވެ. އެޗްސީޕީ ބެލުގެ މޮނަގްރާފުގައި ލިޔެފައިވާ ގޮތުން ލަންދޫގައި ހުރި އިސްތޫޕާ ނުވަތަ އުސްކޮށް ބޮޑުކޮށް ހުރި ފަސްފުންޏަކީ އެ އެކުވެނީގައި ހުރި އެންމެ ބޮޑު ޢިމާރާތް ނުވަތަ ފައްޅި ހުރިތަނެވެ. ބެލް ވިދާޅުވެފައިވާ ގޮތުގައި މައިފައްޅި ނުވަތަ މާބުދުގޭގެ އިތުރުން އެ ސަރަޙައްދުގައި އިތުރު ކުޑަ ފަސް އިސްތޫޕާ ހުންނާނެއެވެ. އެ ތަންތަން މިހާރު ފާހަގަވާގޮތަށް ފެންނަން ނެތަސް އެ ސަރަޙައްދުން އަނެއް ފަސް އިސްތޫޕާ ހުރި ތަންތަން އިންޑިއާގެ ސާވޭ ޓީމުން ފާހަގަކުރިއެވެ. ލަންދޫގައި ހުރި މާބުދުގެއަކީ ސްރީލަންކާގެ އަނުރާދަޕޫރާގައި ހުރި ބުދުދީނުގެ މަރުކަޒުތަކުގައި ހިމެނޭ ދާގަބާތަކާ އެއްގޮތް އަދި ސްރީލަންކާގައި ހުރި”ޕޮކްނާއާ” ދާދި އެއް ވައްތަރު ތަނެއްކަމަށް ގަބޫލުކުރެވެއެވެ. ލަންދޫގައި ހުރި މާބުދުގެ ކިޔާ ވެލިފުނީގެ ދަށުގައި ފޮރުވިފައިވަނީ ލ. އަތޮޅު އިސްދޫ އާއި ގަމުގައި ހުރި ކަހަލަ ތަނެއްކަން ވަނީ ދެނެގަނެވިފައެވެ. މާބުދުގޭގެ ދެކުނު ފަރާތުން ކޮނެގެން ބެލި ބެލުމުން އިސްތުރޫޕާއަށް އަރަން ހުރި ހަރުފަތާއި “މޫންސްޓޯން” ވަނީ ފެނިފައެވެ.
މާބުދުގެ ސަރަޙައްދުން ފެނުނު އާސާރީ ގާ
ލަންދޫގެ މާބުދުގެ ކިޔާ ސަރަޙައްދުގެ ކައިރިން ވަރަށް ޒަމާންވީ އަކުރަކުން ލިޔެފައިވާ ހިރިގަލެއް ވަނީފެނިފައެވެ. އެ ގަލުގައި ހުރި ލިޔުން ދިރާސާކުރި މާހިރުން ވިދާޅުވާ ގޮތުގައި އެގަލުގައި ލިޔެފައިވަނީ ބުރަހްމީ އަކުރުންނެވެ. އަދި އެ ގަލުގައި ވަނީ ބުޑިސްޓް ދީނުގެ ވަޖްރަޔާނާ މަޒުހަބުގެ ފަންޑިތައެކެވެ. މި ގަލުގައިވާ އަކުރަކީ މީލާދީން 6 ވަނަ ޤަރުނުގައި ބޭނުންކުރި އަކުރެކެވެ. މި ގަލަކީ އެ ސަރަޙައްދު ބިނާކުރުމަށް ކުރިން ތައްޔާރުކޮށް ވަޅުލާފައިވާ ގަލެއް ކަމަށް ލަފާކުރެވިފައިވެއެވެ. ލަންދޫގައި ހުންނަ މާބުދުގެއާ މި ގަލާ ގުޅުމެއް ވާނަމަ ލަންދޫ މާބުދުގެއަކީ މީލާދީން 6 ވަނަ ޤަރުނުގައި ހަދާފައިވާ ތަނަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. މި ގަލަކީ ދިވެހި ތާރީޚުގައި މިހާތަނަށް ފެންނަން އޮތް ދިވެހީންގެ އެންމެ ދުވަސްވީ ލިޔުމެވެ. މި ވަގުތު މި ގާ އޮތީ ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައެވެ.
ނ. ލަންދޫން ވަނީ 2012 ވަނަ އަހަރު އެހެން ގަލެއް ފެނިފައެވެ. މާބުދުގެ ހިމެނޭ ސަރަޙައްދުން ފެނުނު އެ ގަލަކީ ވެސް ޒަމާންވީ ލިޔުމަކުން ލިޔެފައިވާ ގަލެކެވެ. އަދި އެ ގަލާބެހޭ ދިރާސާއެއް ހެދިފައެއް ނުވެއެވެ. އެގާ އަދި އޮތީ ލަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައެވެ.
ރިފަރެންސް:
ނަސީމާ މުހައްމަދު (2007). ދިވެހި ރާއްޖޭގައި ހުރި އާސާރީ ތަންތަން. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚީދުމަތްކުރާ ޤައުމީ މަރުކަޒު.
އެޗް. ސީ. ޕީ ބެލް. (1940). ދަ މޯލް ޑިވްސް އައިލެންޑްސް މޮނޮގްރާފް އޮން ދަ ހިސްޓްރީ އާރކިއޮލޮޖީ އެންޑް އެޕިގްރަފީ. ކޮލޮންބޯ. ސިލޯން ގަވަރމެންޓް ޕްރެސް.
މުހައްމަދު އިސްމާޢީލް ދީދީ. (1981). ކްރިސްޓޮފަރގެ ނަޒަރުގައި ދިވެހިން. މާލެ ޑިޕާޓްމެންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑް ކާސްޓިން.

ލިޔުންތެރިޔާ