ބޫސްޓަރ ޑޯޒު ޖަހަންވީ ސަބަބުތައް

ކޮވިޑް-19 ގެ ވެކްސިން ޖަހަން ފެށިއިރު ދުނިޔޭގައި ވެކްސިނާ ދެކޮޅަށް އޮތީ ވަރުގަދަ ކެމްޕޭނެއް ފެށިފައެވެ. ރާއްޖޭގައި ވެސް ވެކްސިން ޖެހުމާ ދެކޮޅު މީހުން އުޅެއެވެ. ވެކްސިނާމެދު ޝައްކާ ވަހުމް އުފެދޭ ވާހަކަތަކާއި ކަނޑައެޅިގެން ދޮގު ވާހަކަތައް ވެސް ފަތުރައި މުޖުތަމަޢުގެ އެއްބަޔަކު ވަނީ ބިރުވެރިކަމުގެ ތެރެއަށް ވައްޓާލާފައެވެ.

ވެކްސިން ލިބުމާއެކު ރާއްޖޭގައި އައީ ވެކްސިން ޖަހަމުންނެވެ. މީސް މީހުން ދައްކާ ތޯތޯ ވާހަކައަށް މަދު ބަޔަކު ހެއްލިފައި ވިޔަސް ގިނަ މީހުން އައީ ވެކްސިން ޖަހަމުންއެވެ.

ރާއްޖޭގައި ފުރަތަމަ ޖަހަންފެށީ ކޮވިޝީލްޑް ވެކްސިނެވެ. އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑަކީ އެސްޓަނިޒިކާ ވެކްސިންގެ ފޮމިއުލާއަށް އުފެއްދި ވެކްސިނެކެވެ. ދެން ޖަހަންފެށީ ޗައިނާގެ ސިނަފޯމެވެ. އެއަށްފަހު އެމެރިކާގެ ފައިޒާއެވެ. މި ވެކްސިން ތަކަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ުޖެހީ ކޮވިޝީލްޑެވެ. އެއީ ރައްކާތެރިކަމުގެ އިންސައްތަ 65 ގައި ހުރި ވެކްސިނެކެވެ. ސިނަފޯމާއި ފައިޒާއަކީ ރައްކާތެރިކަމުގެ އިންސައްތަ 90 އަށްވުރެ މަތީގައި އުޅޭ ދެ ވެކްސިނެވެ. ބޫސްޓަރ ޑޯޒަށް ރާއްޖޭހައި ޖަހަނީ ފައިޒާއެވެ.

ބޫސްޓަރ ޑޯޒު ޖަހަންޖެހޭ ފުރަތަމަ ސަބަބަކީ އެއީ އެވެ. ކުރިން ޖެހި ކޮވިޝީލްޑް ވެކްސިނަށްވުރެ ބޮޑު ރައްކާތެރި ކަމެއް ފައިޒާ ވެކްސުން ލިބޭތީއެވެ. އަދި ފައިޒާއަކީ ދުނިޔޭގައި މުޅިން އާ ޓެކްނޮލެޖީއެއް ބޭނުންކޮށްގެން އަލަށް އުފެއްދި ވެކްސިނަކަށް ވެފައި، އެ ވެކްސިނަކީ އިތުބާރު އެންމެ ބޮޑު ވެކްސިނެވެ.

ކޮވިޑުން ސަލާމަތްވެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެކްސިން ޖަހަންޖެހެއެވެ. ވެކްސިނަކީ ވީހާ ގިނަ ބަޔަކު ޖަހައިގެން ނޫނީ ލިބެންވާ ރައްކާތެރިކަން ލިބޭ އެއްޗެއް ނޫނެވެ. ތިމާއާއި ތިމާގެ އެންމެ ލޯބިވާ މީހުންގެ ހައްގުގައި ވެސް ވެކްސިން ޖަހަން ޖެހެއެވެ. މިބަލިން ރައްކާތެރިވާނެ ކަމަށް ޢިލްމީ ދިރާސާތަކުންނާއި ދިވެހީންގެ ތަޖުރިބާއިން ވެސް އެނގޭ ކަމަކީ ވެކްސިން ޖެހުމެވެ. ދީނުގައި ވެސް އަންގަވާފައި އޮންނަނީ ބަލިތަކުން ރައްކާތެރިވުމަށް ސަބަބުތަކުގައި ހިފުމަށެވެ. މި ވަގުތު ބޫސްޓަރ ވެކްސިން ޖަހަންޖެހޭ އަނެއް ސަބަބަކީ މިއީއެވެ.

މީސް މީޑިއާ އާއި މީޑިއާގެ އެހެން ވަސީލަތްތައް މެދުވެރިކޮށް ވެކްސިނާ ދެކޮޅަށް އަދި ރައްކާތެރިކަމަށް ޓަކައި އަޅާ ފިޔަވަޅުތަކާ ދެކޮޅަށް އަދި ކޮވިޑް ބައްޔާ ބެހޭ ގޮތުން ވެސް ފާޑުފާޑުގެ ވާހަކަތައް ދައްކައި ފަތުރައެވެ. އެގޮތަށް ވާހަކަ ދެއްކި އެތައް ބަޔަކު މި ބަލީގައި މަރު ވެސް ވެއްޖެއެވެ. ބަޔަކު ގަބޫލު ނުކުރިޔަސް ކޮވިޑަކީ ހަގީގަތެކެވެ. ވެކްސިނުން ރައްކާތެރިކަން ވެސް ލިބެއެވެ.

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply