ޢީދާއި ސަގާފަތާ ހުރި ގުޅުން

ޢީދަކީ އިސްލާމްދީނުގެ މާތްވެގެންވާ ޝިޢާރެކެވެ. އެއީ މުސްލިމުންގެ މައްޗަށް މާތް الله ސުބުޙާނަހޫ ވަތަޢާލާ މިންވަރުކުރަށްވާފައިވާ މަތިވެރިވެގެންވާ ނިޢުމަތެކެވެ. ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވިއިރު، ޖާހިލިއްޔަ ޒަމާނުއްސުރެ ދެ ޢީދެއް އެ ބައި މީހުން ފާހަގަކުރެތެވެ. އެ ދުވަސްތަކުގައި އެބައިމީހުން ކުޅިވަރުކުޅެ އުފާފާޅުކޮށް އުޅުނެވެ. އެ ދެ ދުވަހަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ދެ ދުވަސް މާތްﷲ މުސްލިމުންނަށް މިންވަރުކޮށްދެއްވި ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ދެއްވިއެވެ. އެއީ ފިޠުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ. މި ދެ ޢީދު އަންނަނީ މުސްލިމުންގެ ވަރަށް މުހިންމު ދެ އަޅުކަމަކާ ވިދިގެންނެވެ.

ދިވެހީންގެ ތެރޭގައި ކުޑަ ޢީދާއި ބޮޑު ޢީދު ތަފާތުކޮށް ފަރަގު ކުރިޔަސް މި ދެ ޢީދުގެ ޝަރަފުވެރިކަމުގައި އެއްވެސް ތަފާތެއް ނުވެއެވެ. ޢީދުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ދީނީ ކަންތައްތަކަކާއި، ކެއިންބުއިމާއި، ކުޅިވަރާއި، އުފާފާޅުކުރުމެވެ. މިއީ ގިނަބަޔަކަށް ބައިވެރިވެވޭގޮތަށް އުފާ ފާޅުކުރުމާއި ކުަޅިވަރު ކުޅެންވީ ދެ ދުވަހެވެ. ޢާއިލީ ގުޅުންތަކާއި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ. މި ހުރިހާ ކަމެއް ވެސް ދީނުގެ ތަރަހައިގެ ތެރޭގައި ކުރުމަށް ސަމާލުކަން ދިނުމުން ޢީދު ފާހަގަ ކުރެވެމުން އެ ދަނީ ރަނގަޅަށެވެ. މި ތަރަހައިގެ ތެރޭގައި ޒަމާނީ ކުޅިވަރު ކުަޅުނަސް އަދި ސަގާފީ ކުަޅިވަރު ކުޅުނަސް އެއީ މައްސަލައެއް ނޫނެވެ.

ޢީދާއި ސަގާފަތާ ހުރި ގުޅުމަކީ ހުރިހާ މުޖުތަމަޢުތަކެއްގައި ވެސް އޮތް ކަމެކެވެ. ޢީދުގައި އެ ބައެއްގެ ސަގާފީ ކުޅިވަރުތައް ކުޅުމަކީ ކުރަމުންދާ ކަމެކެވެ. އަދި ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ސަގާފަތަށާއި ކުޅިވަރުތަކަށް ވެސް ބަދަލުތައް އާދެއެވެ. ރާއްޖޭގެ ބައެއް ރަށްރަށަކީ ބައެއް ސަގާފީ ކުޅިވަރަށް މަޝްހޫރު ރަށްރަށެވެ. އެ ކަންކަން އެ ރަށްރަށުގެ ޒުވާނުންނާއި ރައްޔިތުން ދިރުވާ އާލާކުރެއެވެ. ވަޅުޖަހާފައިހުރި ބައެއް އާދަކާދަތައް ނަގާ ދިރުވާ އާލާކުރެވެ.

ދިވެހީން ކުޅިވަރުކުޅެ އުފާފާޅުކޮށް ހަދާއިރު ދިވެހީންގެ ސަގާފަތާއި އާދަކާދަ ނުފެންނަނަމަ އެއީ އެ ޢީދަކަށް ލިބޭނެ ނިކަމެތި ކަމެކެވެ. ދިވެހި ސަގާފީ ނުވަތަ ދިވެހިވަންތަ ކުޅިވަރު ނުކުޅެ ދެން ދިވެހީން ކުޅެންވީ ކޮން ކުޅިވަރެއްތޯއެވެ؟ މި ސުވާލާއެކު ދަންނަވަން އޮތީ ބަޔަކު ކުޅިވަރެއް ކުޅެފައި މީ ސަގާފީ ކުޅިވަރެކޭ ބުންޏަސް އެއީ ސަގާފީ ކުޅިވަރަކަށް ނުވާނެކަމެވެ. ދިވެހީންނަކީ ދީނީ ކަންތައް އޮޅުންފިލާ ސާފުވަމުން ދިޔަވަރަކަށް އެކަންކަމަށް ހުރުމަތްތެރިކޮށް ހިތާ ބައެކެވެ. ސަގާފަތާއި އާދަކާދައަށް ވުރެ ދީނަށް އިސްކަންދޭ ބައެކެވެ. މިގޮތުން އީދަށް ބަލާއިރު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަކީ ވަޅުޖެހިފައި ވަނިކޮށް ދާދި ފަހުން އަލުން ފެށިފައިވާ ރީތި ސުންނަތެކެވެ. މި ކަން ކުރުމުގައި ދިވެހީންގެ އަމިއްލަ ގޮތެއް އާދަކާދައަކަށް ވަމުން އެބައާދެއެވެ. އެއީ ބޮޑު ޖަމާޢަތުގެ ނަމާދަށްފަހު ގިނަ ރަށްރަށުގައި ހުރިހާ ރަށްޔިތުންނަށް ބޮޑު ސައިފޮދެއް ބޭއްވުމެވެ. މިކަން މާދަމާ ވާނީ ދިވެހީންގެ ސަގާފަތަށެވެ. ދީނީ އަޅުކަންތަކާ ގުޅިފައި މި ނޫނަސް ވަރަށް ގިނަ އާދަކާދަތައް ދިވެހީންގެ ތެރޭގައި ހުރެވެ.

ފޮޓޯތައް: ދިއްދޫ ރޯވާސް

ޢަބްދުﷲ ސައީދު
ލިޔުންތެރިޔާ

ޢަބްދުﷲ ސައީދު

އަޅުގަނޑަކީ ދިވެއްސަކީމެވެ. އަޅުގަނޑުގެ ހަތަރު މަތިފުށް އޮތީ މިލަދުންމަޑުލު ދެކުނު ބުރީ މަނަދޫގައެވެ. އަޅުގަނޑަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި ޅެންވެރިކަމާއި ތާރީޚަށް ލޯބިކުރާ މީހަކީމެވެ.

Leave a Reply